ރ. އަތޮޅުގެ ދެކުނު އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވާ ކަމަށާއި، މި ސަރުކާރުގެ ދައުރުގެ ބާކީ މިއޮއް ދުވަސްތަކުގެ ތެރޭގައި އެއާޕޯޓް އަޅަންފެށުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ރ. އަތޮޅު ދެކުނުގައި އެއާޕޯޓެއް އެޅޭނެ ރަށެއް ކަނޑައެޅޭނީ ކޮން ތާރީޚެއްގައިތޯއާއި، މި ދައުރުގައި އެ މަޝްރޫޢު ފެށޭނެކަމަށް ލަފާކުރެވޭތޯ މިނިސްޓަރު އަސްލަމް އަރިހު ސުވާލު ކުރަށްވާފައެވެ.

Ad
rt

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ރ. އަތޮޅުގެ ދެކުނު އެއާޕޯޓެއް ތަރައްގީކުރަން ނިންމާފައިވީ ނަމަވެސް އެ އެއާޕޯޓް ތަރައްގީކުރާނެ ވަކި ރަށެއް އަދި ކަނޑައަޅުއްވާފައިނުވާކަމަށެވެ. މިގޮތުން އަލަށް އެޅުމަށް އިޢުލާންކުރި އެއަރޕޯޓުތަކުގެ ތެރޭގައި ރ. އަތޮޅުގެ ވާހަކަ ހިމަނާފައި އޮތްނަމަވެސް އެ އެއާޕޯޓް އަޅާނެ ރަށެއް އެ ޢިއުލާނުގައި ޖަހާފައިނުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ވަކި ތަނެއް ޖަހާފައެއް ނެތް. އަދި ނުނިންމަން ކޮންތަނެއް ކަމެއް. އަދި ސަރުކާރުގައި އަޅުގަނޑުމެން
ޕޮލިސީ ލެވެލްގައި މި ޑިސްކަޝަންތަކެއް އެބަދޭ. އަދި ނުނިމޭ ތަނެއްކަން އެއީކީ. އެހެންނަމަވެސް، ރ. އަތޮޅުގައި
އެ ވިދާޅުވި ސަރަޙައްދުގައި އެއަރޕޯޓެއް އަންނާނެ." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މި ސަރުކާރުގެ ދައުރުގެ ބާކީ މިހާރު ދޮޅު އަހަރަށްވުރެ ވެސް ކުޑަވެފައިވާ ކަމަށާއި، އެހެންމަވެސް އެ އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީކުރެއްވުމުގެ މަސައްކަތް ކުރަށްވާނެކަމަށެވެ.

"ދެން އޮތީ، މި ދައުރުގެ ތެރޭގައި އެކަން ކޮށް ނިމޭނެތޯ، ނޫންތޯ؟ ދައުރުގައި ބާކީ އޮތީ، ދޮޅު އަހަރެއްހާ ދުވަސް ވެސް ނޭނގެ އޮތް ކަމެއް. ދެން މަސައްކަތްކުރާނަން އިނގޭތޯ. އަޅުގަނޑަކަށް މާ ޔަގީންކަމާ އެކީ ދަންނަވާކަށް ނޭނގޭ، މަސައްކަތް ފެއްޓުމަކީ އެކަށީގެންވާ ކަމެއް." މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.