ހދ. ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ބާއްވާ ޤުރުއާން މުބާރާތް 2022، އަން އެޕްރީލް މަހު ފެށުމަށް ނިންމައި، ބައިވެރިވާން ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤްޞަދުތަކުގެ ތެރޭގައި އެރަށުގެ ދަރިވަރުން ނާއި ޢާއްމުންގެ ހިތްތަކުގައި ކީރިތި ޤުރްޢާނަށް ލޯބިޖައްސައި ޤުރުޢާން ކިޔެވުމުގެ ފަންނު އަލާކޮށް، ދިރުވައި ފެތުރުމަށް މަސައްކަތްކުރުމާއި، ކީރިތި ޤުރުޢާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްޢާން ކިޔެވުމަށް ހިތްވަރުދިނުމާއި، ކީރިތި ޤުރުޢާން ރައްކާތެރިކުރުމަށް މަސައްކަތްކުރުމާއި އަދި ޤުރުޢާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުން ނާއި ޢާއްމުންގެ މެދުގައި ވާދަވެރިކަން އުފެއްދުން ހިމެނެއެވެ.

Ad
rt

މީގެ އިތުރުން ޤާރީންނާއި ޙާފި ޡުން އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުމާއި، ޤައުމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރިންގެ ޢާރެއް އުފެއްދުމުގެ އިތުރުން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަކީ ވެސް މި މުބާރާތް ކުރިއަށްގެންދާ މަޤްޞަދުތަކެވެ.

މި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ނޮޅިވަރަންފަރު ސްކޫލް ދަރިވަރުންނާއި، އެރަށުގައި ދިރިއުޅޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނޮޅިވަރަންފަރު ކައުންސިލް އިދާރާއަށް ހުށަހަޅަން އެ ކައުންސިލުން ވަނީ ފުރުޞަޠު ހުޅުވާލާފައެވެ.

ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި އެ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާއިރު، މި މުބާރާތުގެ ޤަވާޢިދު އެ އިދާރާގެ ނޯޓިސްބޯޑުގައި ވަނީ ޢާއްމުކޮށްފައެވެ.

މީގެއިތުރުން މި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު އެ ކައުންސިލް އިދާރާގެ ވެބްސައިޓް www.nolhivaranfaru.gov.mv ން ޑައުންލޯޑު ކުރެވޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.

މި މުބާރާތުގައި ވާދަކުރެވެނީ ބަލައިގެން ކިޔުމުގެ ބައިގައާއި، ނުބަލާ ކިޔުމުގެ ބައިގައެވެ. އަދި މުބާރާތުގައި ބައިވެރިވާ އުމުރު ކަނޑަ އަޅާނީ 1 ޖަނަވަރީ 2022 އަށެވެ.

މި މުބާރާތުގެ އުމުރުފުރާތައް 6 ބަޔަކަށް ބަހާލާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އޭޕްރިލް 22 އިން 23 އަށެވެ.