ކުޅުދުއްފުށީ ސިޓީގެ އައު ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އެއްބަސްވެވިފައިވާގޮތަށް އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ އިތުރު ވަގުތުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުލްލަތީފް ކުޅުދުއްފުށީ އައު ބަނދަރުގެ މައްސަލައާއި ގުޅިގެން ވަޒީރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރާ ސުވާލު ކުރެއްވުމަށް ފުރުޞަޠު ހޯއްދަވައި ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީ އައު ބަނދަރުގެ މަސައްކަތަކީ މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ ފުރަތަމަހެން ފެއްޓި ބަނދަރު ހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢުކަމަށެވެ.
ކުޅުއްދުއްފުށީ އައު ބަނދަރަކީ 126 މިލިއަން އޭ.ޑީ.ބީގެ ލޯނު އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫޢޫއެއްކަމަށާއި، ނަމަވެސް، ބަނދަރުގައި ހައްލުކުރަންޖެހޭ ކަންކަން ހުރުމުން މިހާހިސާބަށް އައިއިރުގައި ވެސް ބަނދަރު ބޭނުންކުރުމުގައި ރައްޔިތުންނަށް އެތައް ދަތިތަކެއް ހުރިކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.
"ބަނދަރު ބޭނުންކުރެވޭގޮތް ނުވެ މިވަނީ، ބަނދަރުގެ އެއް ސައިޑުގައި ހަދާފައިހުރި ފިންގަރ ޖެޓީތައް އޭގެ އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތް އަދި ނެތުމުން. ދެން މިކަމުގައި އަޅުގަނޑުމެންނަށް މިނިސްޓަރާ އެކީގައި ވެސް ފުދޭވަރަކަށް ބައްދަލުކުރެވި، ވާހަކަދެކެވިފައިވަނީ. ބަނދަރު ގާތްގަނޑަކަށް ނިމިފައި އޮންނަތާވަރަށް ދުވަސް ވެއްޖެ." ޔާސިރު ވިދާޅުވިއެވެ.
ބަނދަރުގެ މަސައްކަތް ނިމިފައި ވިޔަސް އޭނާ ފާހަގަކުރެއްވި މައްސަލަ ހައްލުނުވާތީ އަދި ޙަޤީޤަތުގައި އަދި އެ ބަނދަރު ބޭނުންކުރަން ނުފެށޭކަމަށް ޔާސިރު ވިދާޅުވިއެވެ.
"އެހެންވީމާ، ރައްޔިތުންނަށް މިބޭނުންކުރެވޭނެ މުއްދަތެއް އެނގިލައްވާތޯ؟ މިކަން ހައްލުކުރުމަށް ގަސްތުކުރައްވާ ގޮތަކީ ކޮބައިތޯ؟" ޔާސިރު ވަޒީރާ ސުވާލު ކުރެއްވިއެވެ.
ޖަވާބުގައި އަސްލަމް ވިދާޅުވީ، ކުޅުދުއްފުށީ ބަނދަރުގެ ހާބަރ ބޭސިންގައި ހުރި ފިންގަރ ޕިއާސްތަކެއް ކުރުވެގެން އެ ވާހަކަ ދެކެވި، އެކަން ހައްލުކުރުމަށް މިހާރު ފިންގަރ ޕިއާސް އެކްސްޓެންޑު ކުރަން އެ މަސައްކަތުގެ ކޮންޓެކްޓަރު އެމް.ޓީ.ސީ.ސީގައި އެދިފައިވާނެކަމަށެވެ.
"މިހާރު އަޅުގަނޑު އެއްބަސްވެފައި އޮންނާނީ، އެކްސްޓެންޑްކުރީމާ، ލެންތު އެކްސްޓެންޑުކުރީމާ އެބައި ބޭނުންކުރަން. އެހެންނަމަވެސް، ބަނދަރު ބޭނުންކުރެވޭނެ. ބަނދަރުގެ އެ ޕިއާސްތައް އެންމެ ފުރިހަމަ ގޮތުގައިބޭނުންނުކުރެވޭކަން ވެސް އަޅުގަނޑު ގަބޫލުކުރަން." އަސްލަމް ވިދާޅުވިއެވެ.
އެ މައްސަލަ ހައްލުނުވި ނަމަވެސް އެއްގޮތަކަށްވެސް ބަނދަރު ބޭނުންނުކުރެވޭނެ ކަމަށް ގަބޫލެއްނުކުރައްވާ ކަމަށާއި، އެ މައްސަލަ، އެއީ މައްސަލައެއް ގޮތަށް ފާހަގަކުރެވި، އެކަން ހައްލުކުރާނެ ގޮތް ވެސް ވަނީ ނިންމާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އަގެއް ލިބުނީމާ، އެ މަސައްކަތް ވެސް އަޅުގަނޑު އެހެންވީމާ، އެކަންކުރާ ގޮތަށް އޮތީ، އެއްބަސްވެވުނު ގޮތަށް، އެއްބަސްވެވުނު ގޮތަށް އަޅުގަނޑުމެން އެކަން ގެންދާނަން." އަސްލަމް ވިދާޅުވިއެވެ.
ކުޅުދުއްފުށީ ބަނދަރު ފުޅާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން 236،844 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކޮށް، 24،450 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކައި، އަދި 1000 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ.
މި މަޝްރޫޢުއަކީ 129،529 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!