އަންގާރަދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެ ޔުއެފާ ޗެމްޕިއަންސްލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފިއެވެ.

އެތުލެޓިކޯމެޑްރިޑް އާއި ބައްދަލުކުރި މި މެޗުން މެންޗަސްޓާޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

ފުރަތަމަ ލެގުގައި އެތުލެޓިކޯ ދަނޑުގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެ ދެވަނަ ލެގު ކާމިޔާބު ކުރުމުން އެތުލެޓިކޯ ކުއާޓާ ފައިނަލަށް ދަތުރު ކުރީ ޔުނައިޓެޑް ގެ މައްޗަށް 2-1 ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

މެޗު ފަށައިގެން ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ ޔުނައިޓެޑުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި ބުރޫނޯފެނާންޑޭޒް ހުރަސްކޮށްދިން ބޯޅަ އެލަންގާ ފޮނުވާލުމުން ނުކުތީ ކީޕަރ މޫނުމަތީ ޖެހިފައެވެ. އޭގެ 2 މިނެޓް ފަހުން އެތުލެޓިކޯގެ ޑިޕޯލް އޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާ ޔުނައިޓެޑްގެ ކީޕަރ ވަނީ މަތަކޮށްފައެވެ.

އިނގިރޭސި ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ޓޮޓެންހަމް ކޮޅަށް ހެޓްރިކް ހަދާ ފުޓުބޯޅަ ތާރީހުގައިވެސް އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހޯދި ކްރިއަސްޓިއާނޯ ރޮނާލްޑޯ އަށް މި މެޗުގައި އެއްމެ ހަމަލާއެއްވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައެއްނުވެއެވެ. ރޮނާލްޑޯއަކީ ޗެމްޕިއަންސް ލީގުގައިވެސް އެއްމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއެވެ.

އެތުލެޓިކޯ މެޑްރިޑުން 7 ހަމަލާ، ޔުނައިޓެޑުން 9 ހަމަލާއެއްވަނީ ފޮނުވާލާފައެވެ. އެތުލެޓިކޯއިން 3 ހަމަލާ، ޔުނައިޓެޑުން 4 ހަމަލާ ގޯލާ އަމާޒުކޮށް ވަނީ ފޮނުވާލައިފައެވެ. ޖުމްލަ 26 ފައުލް ފެނިގެން ދިޔަ މި މެޗުގައި 4 ރީދޫކާޑު ވަނީ ދައްކާފައެވެ.

އޭގެ އިތުރުން ޔުނައިޓެޑް ޓެކްނިކަލް ޑައިރެކްޓރ ޑަރެން ފްލެޗާއަށްވެސް ސުލޮވީނިއާ ގެ ރެފްރީ ސެލެވްކޯ ވިންސިކް ވަނީ ރީދޫ ކާޑެއްދައްކާފައެވެ.

މި މެޗުގައި ފެނުނު ހަމަ އެކަނި ގޯލް މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރިނަން ލޮޑައި އެވެ. ލޮޑައި މިގޯލް ކާމިޔާބު ކުރީ ގްރިއެޒްމަން ނަގައިދިން ހުރަހަކުން ބޮލުން ގޯލްތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ޗެމްޕިންސް ލީގުގައި މިރޭ ކުޅުނު ދެވަނަމެޗުން ބަލިވެ އެޖެކްސް ވެސް ވަނީ މުބާރާތުން ކަޓާފައެވެ. މި މެޗުން މޮޅުވެ ކުއާޓާގެ ޖާގަ ކަށަވަރު ކުރީ ބެންފިކާއެވެ. މިމެޗުން ބެންފިކާ މޮޅުވީ 1-0 ގެ ނަތީޖާއިންނެވެ. މެޗުގެ ހަމަ އެކަނި ފެނުނު ގޯލް 77 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ އުރުގުއާއީގެ 22 އަހަރު ފޯވާޑް ޑާވިން ނުނޭޒް އެވެ. މި ދެޓީމް ފުރަތަމަ ލެގުގައި ކުޅުނު މެޗުވަނީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

ޗެމްޕިއަންސް ލީގުގައި މިރޭވެސް ދެމެޗެއް ކުޅޭނެއެވެ. އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ދެކޮޅަށް ފްރާންސްގެ ލިލް ނުކުންނައިރު، މިދެޓީމުގެ ފުރަތަމަ ލެގުގައި ޗެލްސީން ވަނީ ލިލްގެ މައްޗަށް 0-2 އިން ކުރިހޯދާފައެވެ. މިރޭ ކުޅޭ އަނެއްމެޗުގައި ޔުވެންޓަސް އާއި ދެކޮޅަށް ވިއަރެއާލް ނުކުންނާނެއެވެ. މިދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-1 އިން ވަނީ އެއްވަރުވެފައެވެ. މި ދެ މެޗުވެސް ފަށާނީ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.