ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު، 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މިއަދު ސޮއިކޮށްފިއެވެ.
އެމިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެމެދު ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާކުރުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ.
ދިވެހިރާއްޖޭގެ ފަރާތުން މިއެމްއޯޔޫގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢައިޝަތު ނަހުލާއެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސިންގަޕޫރުގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އަދި މިނިސްޓަރ އިންޗާރޖް އޮފް ޓްރޭޑް ރިލޭޝަންސް މިނިސްޓަރ އެސް އިސްވަރަން އެވެ.
ސޮއިކުރެވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ މިއެއްބަސްވުންތަކުގެ ސަބަބުން ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެގައުމުންވެސް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމަށެވެ. އަދި ދެގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ދާއިރާ ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތަށް އިތުރު ހިތްވަރު ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މީގެއިތުރުން މިއެމްއޯޔޫގައި ސިންގަޕޫރުގެ ފަރާތުން ސޮއި ކުރެއްވި މިނިސްޓަރ އެސް އިސްވަރަން ވިދާޅުވީ ސިންގަޕޫރަކީ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި މި އެއްބަސްވުންތަކުގައި ސޮއިކުރެވުމުން ދަތުރުފަތުރުގެ ދާއިރާއިން ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ސިންގަޕޫރުގައި ސޮއިކުރެވުނު މި އެއްބަސްވުންތަކުގެ ދަށުން،ރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ބެހޭ ތަމްރީނާއި، ކަނޑުދަތުރުފަތުރުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމާއި، މަގުމަތީގެ ޓްރެފިކް މެނޭޖް ކުރުމާއި އަދި މަތިންދާބޯޓުތަކަށް ދިމާވާ އެކްސިޑެންޓްތަކާއި ވައިގެ ދަތުރުފަތުރުގައި ހިނގާ ޙާދިސާތައް ތަޙުޤީޤު ކުރުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!