ރައްކާތެރި ހަރަދުކުޑަގޮތެއްގައި ކަރަންޓު ބޭނުންކުރަން ދަސްކޮޮށްދިނުމުގެ ޕްރޮގުރާމެއް ހއ. އިހަވަންދޫގައި ފެށުމަށް ނިންމައިފި އެވެ.
މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި އެރަށުގެ ފެނަކަ ބްރާންޗް ގުޅިގެން އެރަށު ކަންބަލުންނަށް ހާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ނައިބު ރައީސާ ރަޝީދާ އަބްދުﷲ ވިދާޅުވީ މިޕްރޮގްރާމަކީ މި މާރޗް މަހުގެ 17 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 17 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެކޮމިޓީއަށް ގުޅައިގެން ނަންނޯޓް ކުރުމަށް އެކޮމިޓީއިން ވަނީ އެދިފައެވެ. ނަންނޯޓް ކުރުމަށް 9126464 ނުވަތަ 9930599 ނަންބަރު ފޯނަށް ގުޅުމަށް ވަނީ އެދިފަ އެވެ.
އެކޮމިޓީއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމަކީ ގޭތެރޭގައި ގެންގުޅޭ ފްރިޖް، ދޮންނަ މެޝިން އަދި އިސްތިރި ފަދަ ތަކެތި ކަރަންޓް ހަރަދު ކުޑަކޮށް ބޭނުން ކުރުމަށް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިޕްރޮގްރާމްގެ ތެރެއިން ބޭސިކް ވައަރިންގ އަދި ބައެއް އިލެކްޓްރޯނިކް ތަކެތި އިންސްޓޯލް ކުރާނެ ގޮތުގެ މައުލޫމާތުވެސް ހިއްސާ ކުރެވިގެން ދާނެއެވެ.
1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި އިންސްޓްރަކްޓަރއެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ފެނަކައިގެ ތަޖުރިބާކާރު ޓެކްނީޝަނުން ނެވެ.
އެރަށު އަންހެނުންގެ ކޮމިޓީއިން އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންހެން ކަންބަލުންނަށް ހާއްސަކޮށް "ފިޤުހު" އާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންއެކެވެ. މިސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!