ސްކޫލަށް ކުދިން ހާޒިރުވާއިރު ވެސް މާސްކް އެޅުން މަޖުބޫރު ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު އިއުލާނެއްގައިވާ ބުނެފައިވަނީ ސްކޫލަށް ހާޟިރުވާއިރު މާސްކުއެޅުން މަޖުބޫރުކަމެއް ކަމުގައި އޮތުން އުވާލާފައިވާކަމަށެވެ.
"ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ"
އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާއިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައި ވަނީ ރާއްޖޭގައި އަޅާފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދެ އަހަރަށް ފަހު މިރޭ އުވައިލުމާ ގުޅިގެން ދީފައިވާ ލުއިތަކާއި އެކު އެވެ.
އެޗްޕީއޭ އިން މިރޭ ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސްބައެއް ތަންތަނާއި ޙާލަތްތަކުގައި މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ޞިއްޙި ޚިދުމަތް ދޭ ތަންތަނުގައި (އެތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް) އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްތައް ހިމެނެ އެވެ.
މީގެ އިތުރުން ބަލީގެ އަލާމާތް ހުންނަ ފަރާތްތަކާއި ބަލިޖެހުމުން ނުރައްކާ ވެދާނެ ފަރާތްތަކާއި މިފަދަ މީހުންނާއި އެކުގައި އުޅޭ މީހުންނާއި ގިނަ މީހުން އެއްތަންވާ ތަންތަނާއި ހާލަތްތަކުގައި މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!