ކޮވިޑު - 19 އާ ގުޅިގެން ދިވެހި ރާއްޖޭގައި އިއުލާންކުރެވިފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލެވިފައިވާތީ ކޮވިޑް - 19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެސްފި އެވެ.
ދިވެހިރާއްޖޭގި ހުރިހާ ސަރަޙައްދެއްގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު 2022 މާރޗް 13 ވަނަ ދުވަހު އުވާލުމާގުޅިގެން އެޗްޕީއޭއިން މިރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް ބަދަލުގެނެވިފައިވާކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި މާސްކް އެޅުން މަޖުބޫރުވުން އުވާލައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މާސްކް އެޅުމަކީ އެދެވިގެންވާ ކަމެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ. ނަމަވެސްބައެއް ތަންތަނާއި ޙާލަތްތަކުގައި މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ ޞިއްޙި ޚިދުމަތް ދޭ ތަންތަނުގައި (އެތަންތަނަށް ޒިޔާރަތްކުރާ މީހުން ހިމެނޭގޮތަށް) އަދި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 20 ޕަސެންޓަށް ވުރެ މަތިން ބަލިފެތުރޭ ކަމަށް ކަނޑައަޅާފައިވާ ރަށްތައް ހިމެނެ އެވެ.
މީގެ އިތުރުން ރާއްޖޭން ބޭރުން އަންނަ ހުރިހާ ފަރާތްތަކާއި ރާއްޖޭގެ އެތެރޭގައިވެސް އެއްވެސް ފަރާތަކަށް ދަތުރުކުރުމުގެ ބޭނުމުގައި ޕީ.ސީ.އާރ ޓެސްޓު ހަ ދަން ނުޖެހެ އެވެ. ނަމަވެސް، ރާއްޖެއިން ބޭރުން އަންނަ ރާއްޖޭގައި ދިރިއުޅޭ ފަރާތްތައް (ދިވެހިންނާއި ޓުއަރިސްޓުން ފިޔަވައި އެހެނިހެން ވިސާތަކުގައި ރާއްޖެއަށް އަންނަ ފަރާތްތައް( ރާއްޖެ އަންނަތާ ތިން ދުވަހާއި ފަސް ދުވަހާދެމެދު ކޮވިޑް- 19 އަށް ޓެސްޓު ކުރުމަކީ އެދެވިގެންވާ ކަމެއްކަމަށާއި ރާއްޖޭން ބޭރުން އަންނަ ފަރާތްތަކު ގެ ތެރެއިން ބަލީގެ އަލާމާތް ހުރިނަމަ އެންޓިޖަން ޓެސްޓް ހެދޭނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑު -19 ގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިނުވާ ފަރާތްތައް (ވެކްސިންގ ނުޖެހޭ އުމުރުގެ ކުޑަކުދިން ހިމެނޭގޮތަށް) ދަތުރުކުރުމާ ގުޅިގެން ކަރަންޓީނުވާން މީގެ ފަހުން ނުޖެހޭނެ އެވެ.
ބައްޔަށް ޕޮޒިވްވާ ފަރާތްތަކާއި ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ކަނޑައެޅިފައިވާ މުއްދަތާއި އުޞޫލުތަކާއެއްގޮތަށް އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) 3 ވަނަ ނަންބަރުގެ ދަށުން އެކަހެރިކުރުމާއި ކަރަންޓީނުކުރުމާއި ޓެސްޓުކުރުން ކުރިއަށް ގެންދެވޭނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!