2004 ވަނައަހަރެވެ. 13 ނަމްބަރު ޖާރޒީލައިގެން ޓީމާއެކީ ދަނޑަށް ނުކުތީ އުއްމީދުތަކެއް ހުރުމުންނެވެ. އުއްމީދަކީ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުމެއްނޫނެވެ. އުންމީދު ގުޅިފައި އޮތީ ލިބިފައި ހުރި ތަޖުރިބާގެ ބޭނުން ޓީމުގައި ތިބި ޒުވާން ކުޅުންތެރިންލައްވާ ހެޔޮގޮތުގައި ހިފުމަށެވެ. އެ ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދީ ކާމިޔާބު މޮޅުބަޔަކަށް ހެދުމެވެ. އެ އުއްމީދުގައި ނިކުމެ ޒުވާން ޓީމާއެކު އަތޮޅު ޗެމްޕިއަންކަން ހޯދީ އެވެ.
މި ދަންނަވާލީ ހދ. ނޭކުރެންދޫއަށް އުފަން ހަސަން ދާއޫދު އާއްމު ނަމުންނަމަ ހަސަންބެގެ ވާހަކައެވެ. ފުޓްބޯޅަ ދަނޑަށް ހަސަންބެ ނުކުތުމުގެ ފެށުމުގެ ވާހަކައެވެ. މިހިސާބުން ހަސަންބެގެ ވާހަކަ ކުރުކޮށްލައި، ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނޭކުރެންދޫ ޓީމްގެ 13 ނަމްބަރު ޖާޒީ ލައިގެން ކުޅުނު، ކުޅުން ތެރިޔާ ވާހަކަ ފަށާނަމެވެ.
މިއީ އެ ޓީމް ގެ ކެޕްޓަން ވާހަކައެވެ. މިއަށްވުރެ ތިލަކޮށްލާނަމަ ދެން މި ދައްކަނީ ހަސަންބެގެ 13 ނަމްބަރ ޖާރޒީގައި، ފުޓްސަލް ދަނޑުތަކުގައި ބައްޕަގެ ތަޖުރިބާއިން ފިޔަޖަހަމުންދާ ހަސަންބެގެ ދޮށީ ދަރިފުޅުގެ ވާހަކައެވެ. މިވަރުން އަދި އެއީ ކޮން ކުޅުންތެރިޔެއްކަން ނޭގިދާނެއެވެ. އެހެންނަމަވެސް މުހައްމަދު ވިލްފް އޭ ބުނުމުން ފުޓްސަލް އަށް ލޯބިކުރާ މީހަކަށް އެއީ ކާކުކަން ނޭގިހުރުމަކީ ދުރުކަމެކެވެ.
ހަސަންބެ (ފަހަތުގައި) އަދި އޭނާގެ ދަރިފުޅު ވިލްފް މެޗެއްގައި ކުޅެނީ
ރާއްޖޭގައި ބާއްވާ ބޮޑެތި ފުޓްސަލް މުބާރާތް ތަކުގައި ކުޅެ ކާމިޔާބީ ތަކެއް ހޯދައިފައިވާ ވިލްފް ބުނާގޮތުން މިހާރު އެންމެ ބޭނުންވަނީ ގޯލްޑެން ފުޓްސަލް ޗެލެންޖްގައި އަތޮޅު ޗެމްޕިއަންކަން އުފަން ރަށް ނޭކުރެންދޫއަށް ހޯދައިދިނުމެވެ.
"އަސްލު ވަރަށް ދެރެވި މިފަހަރު ރަނގަޅު ޓީމެއް އޮވެ ކެޓީމަ، މިހާރުދެން އެންމެ ބޭނުމީ އޭގެން އަތޮޅު ޗެމްޕިއަންކަން ނަގަން، ފުޓްސަލް ގައިއެންމެ ދެރަވި ދުވަސް އެއީ" ވިލްފް ބުންޏެވެ.
ވިލްފް ބުނާގޮތުން ފުޓްސަލް ގައި އެންމެ އުފާވީ ގައުމީ ފުޓްސަލް ޓީމުގައި ހިމިނިގެން ގައުމު ތަމްސީލް ކުރަން ބޭރަށް ދިޔަ ދުވަހުއެވެ. އޭގެ އިތުރުން "މަޅި ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން ލިބުނު ދުވަހެވެ.
ވިލްފު އަކީ ދަނޑުމަތީގަ ހިތްވަރު ކުރާ، ވަރުގަދަ ކުޅުންތެރިޔެކެވެ. ޑިފެންޑަރެއްގެ މަގާމު އާންމުކޮން އަދާކުރި ނަމަވެސް، ލަނޑު ޖެހުމުގެ ހުނަރާ ވައްޓަފާޅި ހުރި ކުޅުންތެރިޔެކެވެ. ވިލްފު ގެ ނަމަކީ މިހާރު ދިވެހިރާއްޖޭގަ ފުޓްސަލްގަ ވަރުގަދަ ނަމެކެވެ. ފިޓްނަސް ހިފަހައްޓަން ހާއްސަ އިސްކަމެއްދޭ ކުޅުންތެރިއެކެވެ. ދަނޑުމަތީގައާއި ދަނޑުން ބޭރުގަވެސް ވިލްފްގެ އަހުލާގަކީ އަރަމުން އަންނަ ކުޅުންތެރިންނަށް ނަމޫނާއެކެވެ.

ވިލްފްގެ ބައިވެރިވުމާއެކު އޭނާ ކުޅުނު ގިނަ މުބާރާތްތަކުން އޭނާ ކުޅުނު ޓީމްތައް ވަނީ ފަޚްރުވެރި ކާމިޔާބީތައް ހޯދާފައެވެ. މިގޮތުން އޭނާ ނިސްބަތްވި ޓީމްތަކުން ހޯދި ބައެއް މުހިންމު ކާމިޔާބީތަކަށް ބަލާއިރު:
- އެމްއެންޔޫ ފުޓްސަލް ފިއެސްޓާ 2017،2019 (ޗެމްޕިއަން)
- ކުޑަ ހެންވޭރު ސްޓްރީޓް 2019 (ޗެމްޕިއަން)
- ބީ ސާދަ ފުޓްސަލް ކަޕް 2019 (ޗެމްޕިއަން)
- އެކްސްއެލް ސްޓްރީޓް ސްކާމޯލްޑިވެސް 2020 (ޗެމްޕިއަން)
- އަޑިޕާކް ފުޓްސަލް ކަޕް 2020 (ޗެމްޕިއަން)
- މަޅި ފުޓްސަލް ޗެލެންޖް 2021 (ޗެމްޕިއަން)
- ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ގްރޭޓާ މާލެ ކަޕް 2021 (ޗެމްޕިއަން)
- ޔޫތުޑޭ 2021 ހުޅުމާލެ (ޗެމްޕިއަން)
- މީގެ އިތުރުން B-14 ފުޓްސަލްކަޕް 2014 ( ރަނަރަޕް)
- ރަސްދޫ ކައުންސިލްކަޕް 2019 (ރަނަރަޕް)
- ވިލި މުއައްސަސާކަޕް 2019 (ރަނަަރަޕް)
- މިހާތަނަށް 7 މުބާރާތެއްގައި ބެސްޓް 5 ގައި ވިލްފް ހިމެނިފައިވޭ (އެ މުބާރާތްތަކަކީ، ވިލި މުއައްސަސާ ކަޕް 2019، ބީސާދަ ފުޓްސަލް ކަޕް 2016،2019، މަޅި ފުޓްސަލް ޗެލެންޖް 2021، ނުފޫޒް ފުޓްސަލް ކަޕް 2021، ޓެކާސް މައިލޯ ޗެމްޕިއަންޝިޕް ގްރޭޓާ މާލެ ކަޕް 2021، ޔޫތު ޑޭ 2021 ވިލިމާލެ)
- ނުފޫޒް ފުޓްސަލް ކަޕް 2021 ގެ ޓޮޕްސްކޯރާގެ މަގާމު

2017 އިން ފެށިގެން އަތޮޅު ތެރޭ ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ބައިވެރިވުމަށް ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވާ ވިލްފް ބުނި ގޮތުން ކޯވިޑާ ގުޅިގެން ގިނަ މުބާރާތް ތަކެއްވަނީ ގެއްލިފައެވެ. ރާއްޖޭގެ އުތުރުން ފުޓްސަލް ދަޑަށް ނުކުމެ ރާއްޖޭގެ ދެކުނާ މެދުރާއްޖެ ތެރެއަށް ވެސް ކުޅެން ދަތުރު ކޮށްފައިވާ ވިލްފް މިވަގުތު ގައުމީ ޓީމާއެކު ފަރިތަކުރުން ތަކުގައި ބައިވެރިވެގެން ކުރިޔަށް އެދަނީ އޭއެފްސީ ގައި ގައުމު ތަމްސީލް ކުރުމުގެ އުއްމީދުގައެވެ.

ވިލްފް ފުޓުސަލްގައި ކުރިޔަށް ދިޔުމަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭކަން ފާހަގަކުރަމުން ބުނެފައި ވަނީ، އެންމެ ބޮޑު ހިތްވަރަކާއި އެއްބާރުލުމެއް ލިބެނީ މަންމައާއި، ބައްޕަ، ޢާއިލާ އަދި ގާތް އެކުވެރިންގެ ފަރާތުންކަމަށެވެ. މިގޮތުން އޭނާ ވަނީ ބައެއް ނަންތައް ވެސް ފާހަގަ ކޮށްފައެވެ.
"ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭ، މަންމަ، ބައްޕަ، ދެ ކޮށްކޮ ދެން ހަމަ ފެމެލީ، ނަބާ، ވެސް ދެން ރައްޓެހިން، ދެން އޮންލީ، ޝާކާ، ސިނާ، އިއްމި ވަރަށް އެހީވެދޭ ކުރިޔަށްދާން، އެހެންވީމަ އެމީހުނަށް ވަރަށް ބޮޑަށް ހަމަ ޝުކުރުއަދާކުރަން، މިހާރު ދެން ޓްރެއިނާއެއް އެބަ ގެންގުޅެން، އެއީ ނައުފަލް އޭނަ އާއިއެކު ޓްރެއިން ހަދަން ފެށިފަހުން ވަރަށް ރަގަނޅު، އޭނައަށްވެސް ވަރަށް ބޮޑަށް ހަމަ ޝުކުރު އަދާކޮށްލަން" ވިލްފް ބުންޏެވެ.

މީގެ އިތުރުން ވިލްފް ގެ އުފަން ރަށް ނޭކުރެންދޫއަށް އުފަން ރާއްޖޭގެ ގިނަ ކުލަބުތަކަށް ފަސްޓް ޑިވިޝަންގައި ކުޅެފައިވާ އަލީ އިފާޒް އަދި ރާއްޖޭގެ ޖޫނިއަރ ސީނިއަރ ޤައުމީޓީމަށް ކުޅެފައިވާ އަހުމަދު އިމާޒް ގެ އިތުރުން ރަށުގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބޭ ސަޕޯޓަކީ ކުރިޔަށްދާން ލިބޭ ވަރަށްބޮޑު ހިތްވަރެއް ކަމަށާ އެކަމަށްޓަކައި ނޭކުރެންދޫ ރަށްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާކަމަށް ވިލްފް ވަނީ ބުނެފައެވެ.

ވިލްފްގެ މި މަސައްކަތަށް ތިލަދުންގެ ފަރާތުން އިތުރު ކާމިޔާބީއަށް އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!