ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ލިވަޕޫލާއި ބަޔާން މިޔުނިކް ޖާގަ ހޯދައިފިއެވެ.
ލިވަޕޫލް ކުއާޓާ ފައިނަލުން ޖާގަ ހޯދާފައި ވަނީ ދެވަނަ ބުރުގައި އިންޓަ މިލާނުގެ މައްޗަށް 2-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް ކުޅެފައިވަނީ އިންޓަގެ ދަނޑުގައެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ލިވަޕޫލެވެ. ދެވަނަ ލެގުގެ މެޗު އަންގާރަ ދުވަހުގެ ރޭ ލިވަޕޫލުގެ ދަނޑުގައި ކުޅުނުއިރު މި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އިންޓައިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތު ލިބިފައިވަނީ ލިވަޕޫލަށެވެ. އިންޓަގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން، ލިވަޕޫލް ޓީމްގެ ޑިފެންޑަރ އާނޯލްޑް ހުރަސްކޮށްދިން ބޯޅަ މަޓިޕް ބޮލުން ފޮނުވާލި ނަމަވެސް އެ ބޯލަ އަމާޒުވެފައި ވަނީ އިންޓަގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެވަނަ ހާފުގައި ލިވަޕޫލްގެ ފޯވާޑް ސަލާހް ފޮނުވާލި ހަމަލާއެއް އިންޓަގެ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އިންޓަގެ ފޯވާޑް މާޓިނޭޒްއަށް ލަނޑުޖަހަން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ގޮސްފައިވަނީ ލިވަޕޫލުގެ ގޯލު ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު 60 ވަނަ މިނެޓުގައި ލިވަޕޫލްގެ އޭރިއާ ބޭރުގައިހުރެ ގޯލުގެ މަތީކަނަށް ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ މާޓިނޭޒްއެވެ. މެޗުގައި އިންޓައަށް އިތުރު މައްސަލަތައް ކުރިމަތިވެފައި ވަނީ އެ ޓީމްގެ ފޯވާޑް ސަންޗޭޒް ލިވަޕޫލްގެ މަޓިޕްއަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ.
އިންޓައިން އެ ކުޅުންތެރިއަކު މަދުވުމާއިއެކު ލިވަޕޫލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މިގޮތުން ސަލާހްއަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އެ ޓީމްގެ ޑިއާޒްއަށް ލިބުނު ހުސް ފުރުބަތުގެ ވެސް ބޭނުން ކުރެވިފައި ނުވެއެވެ. މެޗު ނިމިގެން ގޮސްފައި ވަނީ އިންޓަ މޮޅުވެގެންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ މި ސީޒަންގައި ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އަންގާރަ ދުވަހުގެ ރޭ ބަޔާން މިޔުނިކާއި ސަލްޒްބާގް ބައްދަލުކުރި ދެވަނަ ލެގުގެ މެޗު ބަޔާނުން ކާމިޔާބު ކޮށްފައި ވަނީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި ދެ ޓީމް ފުރަތަމަ ލެގުގައި ސަލްޒްބާގްގެ ދަނޑުގައި ކުޅުނު މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ވުމާއިއެކު ބަޔާނަށް ކުއާޓާއިން ޖާގަ ލިބިފައި ވަނީ 8-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
މި މެޗުގެ 12 ވަނަ މިނެޓުގައި ބަޔާނަށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ލެވަންޑޯސްކީ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ވެސް ލެވަންޑޯސްކީއެވެ. ލެވަންޑޯސްކީ ވަނީ 23 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މެޗެއް ފަށައިގެން އެންމެ އަވަހަށް ހެދި ހެޓްރިކެވެ. ބަޔާނުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. ހަތަރުވަނަ ލަނޑު 31 ވަނަ މިނެޓުގައި ކިންގްސްލީ ކޮމަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާޖް ގްނަބްރީއެވެ.
ބަޔާނުން ވަނީ މެޗުގެ ފަހު ހާފުގައި ވެސް ތިން ލަނޑު ޖަހާފައެވެ. ބަޔާނުގެ ފަސްވަނަ ލަނޑު 54 ވަނަ މިނެޓުގައި ސާނޭ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ތޯމަސް މުލާއެވެ.
މެޗުގައި ސަލްޒްބާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި އާރޮންސަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މައުރިޓްސް ޚިއާގާޑެވެ. ބަޔާނުގެ ހަވަނަ ލަނޑު 83 ވަނަ މިނެޓުގައި ތޯމަސް މުލާ ކާމިޔާބު ކޮށްދިންއިރު ހަތްވަނަ ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!