ތާރީޚް ދައްކާގޮތުން ޒުވާން އަންހެނުން އިސް ސަފަށް ނެރޭ ކޮންމެ ފަހަރަކު ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދީފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް އެމްއެންޕީގެ މާލޭ މައި ޖަގަހައިގައި ރޭ އެ ޕާޓީން ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްރާ ވިދާޅުވީ، ޤައުމެއް ކުރިއަރާދިއުމުގައި ޒުވާނުންގެ ދައުރު މުހިންމުކަމާމެދު ޝައްކެއް ނެތްކަމަށެވެ. އެހެންނަމަވެސް ޒުވާނުންގެ ދައުރު ފުޅާކުރުމަށް ޖުމްލަ ގޮތެއްގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، އަދި ޒުވާން އަންހެން ކުދިންނަށް ފުރުސަތުތައް ފަހި ކުރުމަކީ ގޮންޖެހުންތައް ދެގުނަ ވެގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިންތީގެ މިފަދަ ތަފާތު ކުރުންތައް ގިނަ ފަހަރު ފާޅުގައި ފެންނަން ނުހުންނަ ކަމަށާއި، ނަމަވެސް ޒުވާން އަންހެންކުދިން އިސް ސަފުން ނުފެންނަކަން ނުވަތަ އިންތިހާއަށް މަދުކަން އެއީ ފާޅުކަން ބޮޑު ހަޤީޤަތެއް ކަމަށް އަސްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސްކޫލު އުމުރުން ފެށިގެން ސިޔާސީ ސަފަށް ޒުވާން އަންހެން ކުދިން ނެރުމަށް ތައްޔާރު ކުރުން މުހިންމު ކަމަށެވެ. އަދި ސިޔާސަތުތައް ފަރުމާ ކުރާ އިރު ޒުވާން އަންހެން ކުދިންނަށް ޖާގަ ތަނަވަސްކޮށްދޭން ޖެހޭކަމަށް ފާހަގަ ކުރެއްވިއެވެ.
ވަކިން ޚާއްސަކޮށް އިންތިހާބީ މަޤާމްތަކަށް ޒުވާން އަންހެން ކުދިން ތައްޔާރު ކުރަންޖެހޭ ކަމަށާއި، ޤާނޫނު ހަދާ މަޖިލީހަށާއި އެހެނިހެން އިންތިޚާބީ މަޤާމްތަކަށް ވާދަކޮށް ކާމިޔާބު ވާނެ މަގު ޒުވާން އަންހެން ކުދިންނަށް ހޯދައިދޭންޖެހޭ ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.
"އިންޓަރ ޕާލިމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ތަފާސް ހިސާބުތައް ދައްކާގޮތުން 30 އަހަރުން ދަށުގެ ޕާލިމެންޓޭރިއަނުން ތިބީ އެންމެ %2.2، އަދި އޭގެ ތެރެއިން އަންހެނުން ހިމެނެނީ %1 ވުރެންވެސް މަދުން، ޤައުމުގެ މުހިންމު ޤާނޫނުތަކާއި ސިޔާސަތު ބައްޓަން ކުރުމުގެ ޒުވާން އަންހެނުންގެ ތަމްސީލުވުން ނެތް ނަމަ، އުފެދޭ ޤާނޫނު ތަކާއި ސިޔާސަތުތަކުގައި ޒުވާން އަންހެން ކުދިންނަށް ޚާއްސަކޮށް ދިމާވާ ތަފާތު މައްސަލަތަކަށް ހައްލެއް ލިޔެވިފައި ނޯންނާނެ." އަސްރާ ވިދާޅުވިއެވެ.
ސިޔާސީ ހުރިހާ ފަންތިއެއްގައި ޒުވާން އަންހެނުން ތަމްސީލު ކުރުން މުހިންމު ކަމަށާއި، އަދި މިކަން ހާސިލު ކުރުމަށްޓަކައި ސްޓެރެޓެޖިކް ހައްލުތަކެއް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ ޕާޓީތަކުގެ ތެރޭގައި ޒުވާން އަންހެނުން ކުރީސަފަށް ނެރުމުގެ ވިސްނުން ހުންނަންޖެހޭ. ޒުވާނުންނަކީ ހަމަ އެކަނި ކުޅިވަރު ކުޅެންވީމަ،މުޒާހަރާ ކުރަންވީމަ، ޖަލްސާތައް ފަޅުފިލުވަން ވީމަ ހޯދާ ބަޔަކަށް ވެގެން ނުވާނެ." އަސްރާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޤައުމުގެ ބޮޑެތި ނިންމުންތައް ނިންމާ މޭޒު ދޮށުން މުހިންމު ޖާގައެއް އަންހެނުންނަށް ވެސް ލިބެންވާނެ ކަމަށާއި، އެފަދަ ވިސްނުން ހުރި ޕާޓިއެއްގެ ޕޯޑިއަމްގައި ހުއްޓި ހުރެވޭތީ އުފާކުރަށްވާ ކަމަށެވެ.
"އަންހެން ޒުވާން ލީޑަރުންނަށް ފުރުސަތު ލިބޭ ކޮންމެ ހިނދެއްގައި ރަނގަޅު ތަފާތެއް ގެންނަ ދައުރެއް އަދާ ކޮށްފައިވާކަން ދުނިޔޭގެ ތާރީޚް ހެކިދޭ. މިހެން މިކަން އޮތްއިރު ޒުވާން އަންހެނުން ކުރިޔަށް ނެރުމަށް ފަސްޖެހެން ޖެހޭ އެއްވެސް ސަބަބެއް އެބަ އޮތްތޯ؟" އަސްރާ ސުވާލު ކުރަށްވާފައިވެއެވެ.
ޒުވާން އަންހެން ލީޑަރުން އުފެއްދުމުގައި އަންހެނުންގެ ދައުރުވެސް މުހިންމު ކަމަށާއި، ޤާބިލު ޒުވާން އަންހެނުން ކުރިޔަށް ނިކުތުމަށް ހުޅުވާލެވިފައިވާ ހިތަކާއި އެކީ ބާރުއަޅާ އެހީތެރިވާންޖެހޭ ކަމަށް ވެސް އަސްރާ ވިދާޅުވިއެވެ.
"އިންތިޚާބު ތަކުގައި ޤާބިލު އަންހެނުންނަށް ވޯޓުލާންވީ. އަންހެން ކެންޑިޑޭޓުންނަށް ހިތްވަރު ދޭންވީ. ހިންތިހާބުތައް އަންހެނުން ކާމިޔާބު ކުރާ ނިސްބަތް އިތުރުކުރަން އެންމެ މަސައްކަތް ކުރަންވީ، މިންތީގެ ހަމަހަމަކަން ޤާއިމުކޮށް އަންހެނުންނަށް ހައްޤުވާ ޖާގަ ޔަޤީންވާން މާ ލަސްވެސް ވެއްޖެ. މި ފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިކަންކަމަށް އަޑު އުފުލާ ހައްލުތަކެއް ހޯދުން." އަސްރާ ވިދާޅުވެފަވެއެވެ.
ރޭގެ ޖަލްސާގައި އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި، އެ ޕާޓީގެ ނައިބު ރައީސް ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފާއި، އަންހެނުންގެ ވިންގްގެ ލީޑަރު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި، އެޑްވައިޒަރީ ކައުންސިލްގެ މެންބަރު އައިމިނަތު މުނީރާއި، މެންބަރު ޢާއިޝަތު ޙުސައިން މަނިކުގެ އިތުރުން އެ ޕާޓީގެ ދ. މީދޫ މެންބަރު އައިމިނަތު މައުރޫފާ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!