ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.

Ad
rt

އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން ފަތްކެޔޮ އަދި ޒުވާރި ހިމެނެއެވެ.

މީގެ ތެރެއިން ބަރަބޯ މިހާރު ވިއްކަން ފަށާފައިވާ ކަމަށް އެކޮމިޓީއިން ބުނެއެވެ. ބަރަބޯ ކިލޯއެއްގެ އަގަކީ 20 ރުފިޔާއެވެ. ފަތްކޭލާއި ކައްޓަލަ ފަދަ ތަކެތި ބާޒާރަށް ނެރެން 6 މަސް ދުވަސްވަރު ނަގާނެ ކަމަށް އެކޮމިޓީއިން ބުނެފައިވެއެވެ.

މީގެއިތުރުން މިމަސައްކަތް ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗެއްގެ ގޮތުގައި އެކޮމިޓީއިން ފާހަގަކޮށްފައިވަނީ ކުރާ މަސައްކަތާއި އެންމެ އެކަށޭނަ އަގެއްގައި ތަކެތި ނުވިކުމުގެ މައްސަލައެވެ. އެހެންކަމުން ރަށުގެ އިތުރުން ކުޅުދުއްފުށި ބާޒާރަށްވެސް މިތަކެތި ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ފިނޭއަކީ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަ ހދ. އަތޮޅުން އެ މައްސަކަތުގައި ފާހަގަކޮށްލެވޭ އެއް ރަށެވެ. އެރަށުގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަކީ އާމްދާނީ ހޯދުމުގެ ގޮތުގައި ދަނޑުވެރިކަން ކުރަމުން އަންނަ މީހުންނެވެ. އަންނަ ރޯދަ މަހަށް އެރަށުގެ ގިނަ ދަނޑުވެރިންތަކެއް މިހާރުންސުރެ ވަނީ ތައްޔާރުވެފައެވެ.