ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މަރާލި އިސްމާއިލް އުމަރު (އިއްސެ) މަރުގެ މައްސަލާގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ޖޫން، 2017 ގައި އިހަވަންދޫގައި އައިސްޕްލާންޓް ތެރޭގައި ޅ. ހިންނަވަރު އިއްސެ މަރާލި މައްސަލާގައި ދައުވާލިބޭ ބަންގްލަދޭޝްގެ ސުމޮން މިއާގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް މިއަދު ނިންމާލަމުން މިމަހުގެ ކޮންމެވެސް ދުވަހެއްގައި ހުކުމް އިއްވާނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އިއުލާން ކުރެއްވި އެވެ.

Ad
rt

އެދުވަހު އެންމެ ފުރަތަމަ އޮންނާނީ ސުމޮންގެ މައްޗަށް ކުށް ސާބިތުވޭތޯ ނިންމުމެވެ. ކުށް ސާބިތުވާ ނަމަ، އިއްސެގެ ވާރިސުންގެ ބަސް ހޯދާނެ އެވެ.

އިއްސެ މަރާލި ކަމަށް ސުމޮން ކޯޓުގައި އެއްބަސްވެ، އެކަން ކުރި ގޮތް ކުރިން ކިޔައިދިނެވެ. އެކަމަކު މިހާރު އޭނާ ބުނަނީ ފުލުހުން ބިރުދެއްކުމުން އެއްބަަސްވީ ކަމަށެވެ.