ކުޅުދުއްދުއްފުށީ ސިޓީގެ އިންޖީނެއްގައި އަލިފާން ރޯވުމާއި ގުޅިގެން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް އެ ސިޓީގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދ ހެނދުނު 09:45 ހާއިރުއެވެ.

Ad
rt

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާތިފް ވިދާޅުވީ، އިންޖީނުގައި އަލިފާން ރޯވުމާއި ގުޅިގެން 45 މިނިޓަށް މުޅި ސިޓީއިން އެއްކޮށް ކަރަންޓް ކެނޑުނު ކަމަށެވެ. ނަމަވެސް މިހާރު ރަށުގެ 90 އިންސައްތަ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އިރުއިރުކޮޅުން ކަރަންޓް ކެނޑިގެންދަނީ ހޫނު ގަދަ ދުވަސް ވަރަކަށް ވުމާއިއެކު އިންޖީނުތަކަށް ބާރުބޮޑުވުމުގެ ސަަބަބުން ކަމަށާއި، އެހެންކަމުން މިމަސައްލައަށް ދާއިމީ ހައްލެއް ލިބެންދެން ހުރިހާ ފަރާތްތަކުންވެސް ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް މޭޔަރު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އޮފީސްތަކާއި ގޭގައިވެސް ކޮންމެހެން ބޭނުން ކުރަން ނުޖެހޭ އާލާތްތަކަށް ކަރަންޓް ދީފައި ނުބެހެއްޓުމަށް ވެސް ވަނީ އެދިލައްވާފައެވެ.

މޭޔަރު އާތިފް އިތުރަށް ވިދާޅުވީ މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށް އަދި އެއްޗަކަށްވެސް ގެއްލުން ލިބިފައިނުވާ ކަމަށެވެ. އަދި އެވަގުތަކީ ފެނަކަ މުވައްޒަފުންވެސް ހަރަކާތްތެރި ވަމުންދިޔަ ވަގުތަކަށް ވުމުން އަލިފާންގަނޑު ވަރަށް އަވަހަށް ނިވާލެވިފައިވާ ކަމަށްވެސް އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގައި މިވަގުތު 7 އިންޖީނެއް އިންސްޓޯލް ކޮށްފައި ހުރެއެވެ. އަދި މިއަދު އަލިފާން ރޯވެފައިވަނީ ރަށުގައި މިވަގުތު ހުރި އެންމެ ބޮޑު 1.2 މެގާ އިންޖީނުގައެވެ. މީގެ އިތުރުން އެރަށުގައި މިވަގުތު 1.2 މެގާގައި އިތުރު އިންޖީނެއް އެބަ ހުރިކަމާށާއި އެއިންޖީނު އިންސްޓޯލް ކުރުމުގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާ ކަމަށް މޭޔަރ ވިދާޅުވިއެވެ. އަދި އިންޖީނަށް މާ ބޮޑު މައްސަލައެއް ދިމާވެފައިވާ ކަމަށް ލަފާ ނުކުރެވޭ ކަމަށާއި އަވަސް މުސްތަގްބަލެއްގައި މައްސަލަ ހައްލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އާތިފް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިސަރުކާރުގައި އެއިންޖީނުގޭގެ އިންސްޓޮލޭޝަން ކެޕޭސިޓީ 6.6 އަކަށް އިތުރުކޮށްފައިވާތީ މޭޔަރ ވަނީ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.