ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަންކަން އުރީދޫއިން ހޯދައިފިއެވެ.
ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗު، އުރީދޫއިން ކާމިޔާބު ކޮށްފައި ވަނީ މުބާރާތުގެ އެންމެ ފަހު ޗެމްޕިއަން ޓީމް 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ.
ފައިނަލް މެޗުގައި އުރީދޫ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފއެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކުރިއިރު، ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ހާފިޒް އަހްމަދެވެ. ދެވަނަ ލަނޑު 15 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ރިފްޝާންއެވެ.
އުރީދޫއިން ދެވަނަ ހާފަށް ދެ ލަނޑުގެ ލީޑަކާއިއެކު ނުކުމެފައިވާއިރު، އެ ޓީމުން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވެސް މުހައްމަދު ރިފްޝާންއެވެ.
ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް" ގެ 8 ވަނަ މުބާރާތުގެ ފައިނަލުން ދިރާގާއި އުރީދޫ ޖާގަ ހޯދައިފިއެވެ.
މެޗުގައި ދިރާގުން ކާމިޔާބުކުރި ހަމައެކަނި ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޔާމީން މުހައްމަދެވެ. އުރީދޫ ޓީމަށް ހަތަރުވަނަ ލަނޑު 37 ވަނަ މިނެޓުގައި ހުސެއިން ޝަރީފް ކާމިޔާބު ކޮސްދީފައިވާއިރު، ފަސްވަނަ ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ޖުމައިލް ޖަމީލެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ރިފްޝާންއެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ އެސްޓީއޯއެވެ. މުބާރާތުގައި 12 ލަނޑު ޖހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވިފައި ވަނީ ކަސްޓަމްސްގެ ޖޯޒީ ނަމްބަރު 5 ހަސަން ނޫރިޝްއެވެ.
މުބާރާތުގެ އެންމެ މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނިފައި ވަނީ އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 12 ޝަމްމޫން މުޙައްމަދު، ދިރާގު ޓީމްގެ ޖޯޒީ ނަމްބަރު 10 ޔާމީން މުޙައްމަދު، އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލް، އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 11 މުހައްމަދު ރިފްޝާންގެ އިތުރުން ދިރާގު ޓީމްގެ ޖޯޒީ ނަމްބަރު 11 ހަމްދޫން އަހްމަދެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!