ކުޅުދުއްފުށި ސިޓީގައި އެއާ މޮނިޓަރިންގ ސެންސަރއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާތިފް "ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއުއަކީ އެމިނިސްޓްރީގެ ފަރާތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މަޝްރޫއެއް ކަމަށެވެ.

Ad
rt

އެގޮތުން މި އެމް.އޯ.ޔޫގައި އެސިޓީގެ ފަރާތުން މޭޔަރ އާތިފް ސޮއިކޮށްފައި ވާއިރު މި ރަސްމިއްޔާތުގައި އެމިނިސްޓްރީގެ ފަރާތުން ވަޑައިގެންނެވި 2 ބޭފުޅުންވެސް ވަނީ ބައިވެރިވެފައެވެ.

މޭޔަރ އާތިފް ވިދާޅުވި ގޮތުގައި މިސެންސަރގެ ސަބަބުން އެސަރަހައްދުގެ ވައިގެ ތެރޭގައި އެއްވެސް ނުސާފުކަމެއް އުޅޭނަމަ އިނގޭނެ ކަމަށާއި ޖައްވަށް ދޫކުރާ ގޭސްތަކާއި ކުނި އެންދުމާއި ގުޅިގެން ޖައްވު ތަޢައްޔަރު ވަމުންދާ މިންވަރުވެސް މި ސެންސަރ މެދުވެރިކޮށް އެނގިގެންދާނެއެވެ. އަދި އެމާހައުލަކީ އިންސާނުން ދިރުއުޅުމަށް އެކަށީގެންވާ މާހައުލެއްތޯ ބެލުމަށްވެސް މި ސެންސަރގެ ސަބަބުން ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

އެންވަޔަރމެންޓް މިނިސްޓްރީއިން ކުރިއަށްގެންދާ ވައިގެ ސާފު މިންވަރު ދެނެގަތުމުގެ މަޝްރޫއުގެ ދަށުން ރާއްޖޭގެ ބައެއް ރަށްރަށުގައި ގާއިމް ކުރަމުން މިދާ ސެންސަރތަކުގެ އެހީގައި ހޯދޭ އެއާ ކޮލިޓީ އިންޑެކްސް އަދި އިތުރު މައުލޫމާތު https://www.iqair.com މެދުވެރިކޮށް ފެނިވަޑައިގަންނަވާނެއެވެ.