ހދ. ކުޅުދުއްފުށީގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޒިގްޒެގް ފޯ ޔޫތު ލިންކޭޖުން އިންތިޒާމް ކޮށްގެން އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް ޓޯނަމަންޓް" ގެ 8 ވަނަ މުބާރާތުގެ ފައިނަލުން ދިރާގާއި އުރީދޫ ޖާގަ ހޯދައިފިއެވެ.
މި މުބާރާތް އެންމެ ފަހުން 2019 ވަނަ އަހަރު ބާއްވާފައިވާއިރު އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ދިރާގުންނެވެ. ވުމާއިއެކު މި މުބާރާތުގެ ފައިނަލަށް އުރީދޫއާއި ދެކޮޅަށް ދިރާގު ނުކުންނާނީ ތަށި ދިފާއު ކުރުމަށެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެ މެޗު ރޭ ކުޅެފައިވާއިރު، މި ދެމެޗުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައި ވަނީ ރާއްޖޭގައި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް(ދަގަނޑޭ)އެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ޓީމާއި އުރީދޫއެވެ. މި މެޗު 6-2 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ އުރީދޫންނެވެ. މި މެޗުގައި އުރީދޫ ޓީމްގެ ޖުމައިލް ޖަމީލް، މުޙައްމަދު ރިފްޝާން އަދި ހުސެއިން ޝަރީފް، މި ތިން ކުޅުންތެރިންގެ ތެރެއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގައި ކޭއާރުއެޗުން ކާމިޔާބުކުރި ދެ ލަނޑު ވެސް ކާމިޔާބު ކޮށްދީފައި ވަނީ އަހްމަދު ދާއޫދެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އުރީދޫ ޓީމްގެ ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް (ކޭޕީއެލް) އާއި ދިވެހި ރާއްޖޭގެ ގުޅުން (ދިރާގް)އެވެ. މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރު ވެފައެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ކޭޕީއެލުންނެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ނާއިހް މުފީދެވެ. ދިރާގުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ހާމިދު ރަޝީދެވެ. ދިރާގުގެ ދެވަނަ ލަނޑު އަސްވަދު ރަޝީދު ކާމިޔާބު ކޮށްދިންއިރު، މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ކޭޕީއެލްއަށް ނަތީޖާ އެއްވަރު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ވެސް ނާއިހް މުފީދެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރު ވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮންމެ ޓީމަކުން ވެސް ވަނީ ހަ ޕެނަލްޓީ ޖަހާފައެވެ. ކޭޕީއެލްއިން ފޮނުވާލި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބު ވެފައި ވަނީ ތިން ޕެނަލްޓީއެވެ. ނަމަވެސް ދިރާގުން ވަނީ ހަ ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ކާމިޔާބުކޮށް 6-5 ގެ ނަތީޖާއިން މޮޅުވެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ދިރާގު ޓީމްގެ ޖޯޒީ ނަމްބަރު 11 ހަމްދޫން އަހްމަދެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 27 މާޗް 2022 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ކުޅުދުއްފުށީ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!