އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރެލިގޭސަން ޒޯނުގައި އޮތް ވޮޓްފޯޑް އަތުން އަމިއްލަ ދަނޑުގައި އިނގިރޭސި ގަދަ ބާރު މެންޗަސްޓާ ޔުނައިޓެޑް އެއްވަރުވެއްޖެއެވެ.

މުޅިމެޗުގައި ވެސް މޮޅަށް ކުޅުނު ޔުނައިޓެޑުން ވަނީ މި މެޗުގައި 17 ހަމަލާއެއް ފޮނުވާލައިފައެވެ. އެހެންނަމަވެސް ގޯލާ އަމާޒުވެފައި ވަނީ އެންމެ 5 ހަމަލާއެވެ. މެޗުގެ 5 ވަނަ މިނެޓުގައި ކުރިސްޓިއާނޯ ރޮނާލްޑޯ ގެ ހަމަލާއެއް ގޯލް ދަޑިއާއިި ވަނީ އަމާޒުވެފައެވެ. ވޮޓްފޯޑުގެ 6 ހަމަލާގެ ތެރެއިން ގޯލާ އަމާޒުވެފައިވަނީ 2 ހަމަލާއެކެވެ.

Ad
rt

މި ނަތީޖާއާއިއެކު ގަދަ ހަތަރެއްގެ ފޯރިވަނީ ގަދަވެފައެވެ. ޔުނައިޓެޑް އަށްވުރެ ދެމެޗް މަދުން ކުޅެ ޓޮޓެންހަމް ވަނީ 5 ޕޮއިންޓަށް ޔުނައިޓެޑް އާއި ގާތަށް ޖެހިލާފައެވެ. 27 މެޗުން ލިބުނު 47 ޕޮއިންޓާއެކު ޔުަނައިޓެޑު އޮތީ ތާވަލް ގެ 4 ވަނައިގައެވެ. 19 ވަނައިގައި އޮތް ވޮޓްފޯޑަށް ލިބެނީ 26 މެޗުން 19 ޕޮއިންޓެވެ.

އިނގިރޭސި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް ވަނީ 4-0 ގެ ނަތީޖާއިން ލީޑްސް ޔުނައިޓެޑް މައްޗަށް ކުރި ހޯދާފައެވެ. މި ނަތީޖާއާއިއެކު ޓޮޓެންހަމް އަށްވަނީ ޔުނައިޓެޑާ އެއްހަމައަށް މެޗުކުޅެ ޔުނައިޓެޑްއަށް ވުރި ކުރިޔަށް އެރުމުގެ މަގު ފަހިވެފައެވެ.

ޓޮޓެންހަމް 25 މެޗުން 42 ޕޮއިންޓް ހޯދައިގެން ތާވަލްގެ 7 ވަނަ އަށް ޖެހިލިއިރު ، ލީޑްސް ޔުނައިޓެޑް އޮތީ ކުޅުނު 26 މެޗުން ލިބުނު 23 ޕޮއިންޓާއިއެކު ތާވަލްގެ 16 ވަނައިގައެވެ. ސައުތެމްޓަން ނޯވިޗްސިޓީ މަށްޗައް 2-0 ގެ ނަތީޖާއިން ކުރިހޯދާ ތާވަލްގެ 9 ވަނައަށް ޖެހިލާފައިވަނީ 26 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ތާވަލްގެ އެންމެފުލުގައި އޮތް ނޯވިޗްސިޓީ އަށް 26 މެޗުން ލިބެނީ 17 ޕޮއިންޓެވެ.

ބުރެންޓްފޯޑް މައްޗަށް ނިއުކާސްޓަލް 2-0 ގެ ނަތީޖާއިން ކުރިހޯދާ ތާވަލްގައިވެސް ބްރެންޓްފޯޑް ގެ ކުރިޔަށް ޖެހިލާފައެވެ. 25 މެޗުން 25 ޕޮއިންޓާއެކު ނިއުކާސްޓަލް 14 ވަނައިގައި އޮތްއިރު ބްރެންޓްފޯޑް ތާވަލްގެ 15 ވަނަ ލިބެނީ 27 މެޗުން ލިބުނު 24 ޕޮއިންޓާއި އެކުގައެވެ.

ބްރައިޓަން މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދާ އެސްޓަންވިލާވަނީ ކުޅުނު 25 މެޗުން ލިބުނު 30 ޕޮއިންޓާއިއެކު ތާވަލްގެ 12 ވަނަ އަށް ޖެހިލާފައެވެ. 26 މެޗުން ލިބުނު 33 ޕޮއިންޓާއެކު ބްރައިޓަން އޮތީ ތާވަލްގެ 10 ވަނައިގައެވެ.

ކްރިސްޓަލް ޕެލަސް ބާންލޭ މެޗު 1-1 ގެ ނަތީޖާއިން އެއްވަރުވެގެން ނިމުނު އިރު ، އެވަޓަން މައްޗަށް މެންޗަސްޓާސިޓީ ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ. ސިޓީ ތާވަލްގެ އެއްވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. އެވަޓަންއަށް ލިބެނީ ކުޅުނު 24 މެޗުން 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައެވެ. ކްރިސްޓަލްޕެލަސް 27 މެޗުން ލިބުނު 30 ޕޮއިންޓާއެކު 11 ވަނައިގައި އޮތްއިރު ، 24 މެޗުން ލިބުނު 21 ޕޮއިންޓާއެކު ބާންލޭ އޮތީ ތާވަލްގެ 18 ވަނައިގައެވެ