އަތޮޅަކަށް ވިޔަސް ނުވަތަ ރަށަކަށް ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަންކަމަށާއި، ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ލޯކަލްގަވަރމަންޓް އޮތޯރިޓީން(އެލްޖީއޭ) އިންތިޒާމުކޮށް ބޭއްވި ކަންކަތި އެވޯޑް 2022 ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ކުރެއްވި މަސައްކަތަކީ ވެސް ހިފެހެއްޓިފައި ހުރި ކައުންސިލުތަކުގެ ބާރުތައް ދޫކޮށްލެއްވުން ކަމަށެވެ. އަދި ކައުންސިލްތަކަށް ފުރިހަމައަށް މަސައްކަތްކުރެވޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.

ރަށްރަށާއި އަތޮޅުތަކުގެ ތަރައްޤީއަށް މީގެ ކުރިން ދުވަހަކުވެސް ނުދޭވަރަށް މި ސަރުކާރުން ސަމާލުކަންދޭކަމަށާއި ޚާއްޞަކޮށް ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާކަން ނައިބު ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކާއި ރާއްޖެތަމްސީލުކުރެއްވުމަށް ރާއްޖެއިން ބޭރުގައި ތިއްބަވާ ފަރާތްތަކަށް ބެލި ނަމަވެސް މީގެ ކުރިން ނުފެންނަ މިންވަރަށް އަންހެނުންގެ ހިއްސާ އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ވަނީ، އަތޮޅެއްގައި ވިޔަސް ރަށެއްގައި ވިޔަސް ތަރައްޤީ ހޯދޭނީ ގުޅިގެން އެކީގައި ކުރެވޭ މަސައްކަތުންކަމަށް ވިދާޅުވެފައެވެ. އަދި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކޭ އެއްވަރަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމާއި ދުޅަހެޔޮ ޒުވާންޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.