ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރަށްވައިފިއެވެ.
ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިވަގުތު ހުންނެވީ ތައިރޮއިޑް ބަށްޔަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައެވެ.
ރައީސް ޞާލިޙް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިއަދު ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ތައިރޮއިޑްގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން އެ އޮޕަރޭޝަން ކުރާ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތަކާއި ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް ފައިސަލް ނަސީމް ކަމަށް ވަނީ ވިދާޅުވެފަވެއެވެ. އަދި އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށް ވެސް ވިދާޅުވެފަވެއެވެ.
ރައީސް ޞާލިޙްގެ މި ނިންމެވުމާއެކު ނައިބު ރައީސް ފައިޞަލް ނަސީމް މިއަދު ވަނީ ރައީސްކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރަށްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ނައިބު ރައީސަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މި ރަސްމިއްޔާތު ފެށީ ފަތިހު 5:50 ހާއިރުއެވެ.
ނައިބު ރައީސް ފައިސަލް، ރައީސް ކަމުގެ މަސްއޫލިއްޔަތުގެ ހުވާކުރެއްވުން،
ފޮޓޯ: ރައްޔިތުންގެ މަޖިލިސްhttps://t.co/5OEZwcDEnc pic.twitter.com/UNYpingx2V— Thiladhun (@thiladhun) February 25, 2022
ގާނޫނުއަސާސީގެ 123 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައި ވަނީ، "ރައީސުލްޖުމްހޫރިއްޔާ އަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރިވެއްޖެ ކަމަށް ޤަބޫލުކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހު" ކަމަށެވެ.
Vice President @FaisalNasym has taken the oath of office to assume duties of the President of the Republic of Maldives pic.twitter.com/8E5WQKtqfh
— People's Majlis (@mvpeoplesmajlis) February 25, 2022
ރައީސް ޞާލިޙް، ތައިރޮއިޑް ފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެރިކަމުގެ ބާރުތައް މިގޮތަށް ނައިބު ރައީސްގެ އަތްޕުޅަށް ބަދަލުވި ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!