ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުންހދ. ކުރިނބީ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

Ad
rt

މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި އިޢުލާނުގައި ބުނެފައިވެއެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/190,000ރ (އެއްލައްކަ ނުވަދިހަހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

ބިޑު ހުޅުވުން އޮންނާނީ 17 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި އެމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މިހާރު ކުރިނބީގައި ބޭނުންކުރަމުންދާ ބަނދަރު ރަސްމީކޮން ހުޅުވާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

މީގެ ކުރިން ސަރުކާރުން އާންމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު މިމަސައްކަތުގެ އަމަލީމަސައްކަތް ފަށާނެކަމަށް ލަފާކުރާ ތާރީޚް އަކީ 24 މާރިޗު 2022 އެވެ. 2022 ގެ ބަޖެޓްގައި 4,305,090.00 ހިމަނާފައިވާ މިމަސައްކަތުގެ އަމަލީމަސައްކަތް ނިމޭނެކަމަށް ލަފާކުރާ ތާރީޚް އަކީ 24 ޑިސެންބަރު 2023 އެވެ.