ހދ.ކުމުންދޫ ކައުންސިލުން އިސްނަގައިގެން ޔޫޓީޒް ކެރިއާރ ޓްކް އިންސްޓިޓިއުޓް (ޔޫސީޓީއައި) އާއި ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ލެވެލް 3 ގެ އިލެކްޓްރިކް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯސް ނިންމައި، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލު ކޮށްފިއެބެ.

މި ކޯހަކީ ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. ކޯސް ކުރިއަށް ގެންގޮސްފައި ވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުން ފެށިގެން ޑިސެމްބަރ ގެ ނިޔަލަށެވެ.

Ad
rt

ޖުމްލަ 13 ފަރާތަކުން މި ކޯސް ފުރިހަމަ ކޮށްފައިވާއިރު، ކޯސް ފުރިހަމަކުރި ބައިވެރިންނަށް ކުމުންދޫ ކައުންސިލުން ސެޓްފިކެޓް ހަވާލު ކޮށްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރެއެވެ.

މި ކޯހާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާ ކުރަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވެފައި ކޮންމެ އަހަރަކަށް ވެސް މީހުން ބިނާކުރުމަށް ޕްރޮގްރާމްތަކެއް ކައުންސިލުން ރާވާ ކަމަށާއި، މިގޮތުން މި ކޯހަކީ ވެސް ފާއިތުވި އަހަރު މީހުން ބިނާކުރުމަށް ކުމުންދޫ ކައުންސިލުން ރާވަފައިވާ ހަރަކާތެއް ކަމަށެވެ.

މީގެ އިތުރުން މިފަދަ ކަންކަން ރަށުގައި ހިންގަން ޝަޢުޤު ހުންނަ ފަރާތްތަކަށް ކައުންސިލުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި، މި އަހަރު ވެސް މީހުން ބިނާކުރުމުގެ ގޮތުން ކުމުންދޫގައި ހަރަކާތް ކުރިއަށްދާނެކަން އަމީން ވަނީ ފާހަގަ ކުރައްވާފައެވެ.

މިގެއިތުރުން އަމީން ވަނީ މި ކޯސް ފުރިހަމަ ކަމާއިއެކު ނިންމާލުމަށް ކޯހުގެ ބައިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ. މީގެ އިތުރުން ކޯސް ކުރިއަށް ގެންގޮސްދެއްވި ޔޫސީޓީއައިއަށް ވެސް އަމީން ވަނީ ޝުކުރު އަދާކޮށްފައެވެ.