ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކުރަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އިސްލާޙެއް ހުށަހަޅުއްވައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަނީ ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ފެނާއި ނަރުދަމާގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށާފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ސްޕޮންސާ ކުރަށްވާފައި ވަނީ ވެސް ޔާސިރެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށްފަހު ޔާސިރު މިއަދު ވަނީ އެ ބިލަށް އިސްލާޙެއް ވެސް ހުށަހަޅުއްވާފައެވެ. އެ އިސްލާޙްގައި ފެނާއި ނަރުދަމާގެ ޚިދުމަތަކީ އަސާސީ ހިދުމަތެއްކަން ފާހަގަކުރަށްވަމުން ޔާސިރު ވިދާޅުވެފައި ވަނީ، އެ ޤާނޫނުގައި ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭނެ އެންމެ މަތީ އަގު އިއުލާނު ކުރަންވާނެ ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، މިހާރު އެކި ކުންފުނި ތަކުން އެކި ރަށްރަށުގައި ނަގާ ފިކްސްޑް ޗާރޖަސް އަދި އަދަދު ތަފާތު ކަމަށެވެ. އެހެންކަމުން ފެނާއި ނަރުދަމާގެ ހިދުމަތުން ނެގޭ ފިކްސްޑް ޗާރޖަސް ދިވެހި ހުރިހާ ރައްޔިތުންނަށް އެއްހަމަ ކުރަން ހުށަހަޅުއްވާ ކަމަށް ޔާސިރުގެ އިސްލާޙްގައި ވިދާޅުވެފަވެއެވެ.
މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސް ކުރަށްވަމުން ޔާސިރު ވަނީ ފެނާއި ނަރުދަމާގެ ޚިދުމަތް ހޯދުމުގައި، ޚާއްޞަކޮށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަށް މި ވަގުތު ދަތިތަކެއް ހުރިކަން ފާހަގަ ކުރަށްވާފައެވެ. އަދި މިއަދު އޭނާ ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށަހެޅި އިސްލާޙަކީ އެ ސިޓީގެ ރައްޔިތުންނަށާއި، މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް މުހިންމު އިސްލާޙެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"މިއަދު ދިވެހިރާއްޖޭގައި ޚިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދެވެމުންދާއިރުގައި، މިހާރު ޚިދުމަތް ދެވިފައި ހުރި ރަށްތަކުގެ ތެރޭގައި އެކި ފިކްސް ޗާޖަސް އެކި ރަށްރަށުގައި ނެގޭކަން އަޅުގަނޑު ފާހަގަކޮށްލަން. މިގޮތުން، އަޅުގަނޑުމެންގެ، ޚާއްޞަކޮށް އަޅުގަނޑުމެން (ކުޅުދުއްފުށީ ސިޓީ)ގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އެހެން ރަށްރަށުގައި މި އަސާސީ ޚިދުމަތްތައް ނުނެގޭ ފިކްސްޑް ޗާޖަސްއެއް އަޅުގަނޑުމެން އަތުން ނެގޭތީވެ،" ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވަނީ ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އެއާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށް ބޮޑު ޚަރަދެއް ހިނގާ ކަންތައްތައްކަން ފާހަގަކުރަށްވާފައެވެ. އަދި އެ ޚިދުމަތްތަކަކީ އަސާސީ ޙައްޤެއްގެ ގޮތުގައި ވާހަކަދައްކައި ކަނޑައަޅައި ނިންމާއިރުގައި، ފިކްސްޑް ޗާޖަސް ވާންޖެހޭނީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަތުން އެއް އަދަދަކުން ނެގޭ އަދަދަކަށް ކަމަށް އޭނާ ވިދާޅުވިއވެެ.
"އަޅުގަނޑު މި ހުށަހަޅަނީ، ހަމަ ޔަގީނުން ވެސް މިއަދު އަޅުގަނޑުމެންގެ ރައްޔިތުން އެންމެ ބޭނުންވާ އެއް ކަންތައް، އެއީ އަޅުގަނޑު ދެކޭގޮތުގައި 42 ވަނަ މާއްދާގައި އަގު ކަނޑައެޅުމުގެ ވާހަކަ އޮތްއިރުގައި، މިދަންނަވާހެން ފިކްސްޑް ޗާޖަސްއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނެތް. އަޅުގަނޑު މި ހުށަހަޅަނީ، (ޅ) ގެ ތިރިއަށް (ކ) އިތުރުކޮށް، ހަމަ އެއާއެކީގައި، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތަށް ނެގޭ ފިކްސްޑް ޗާޖަސް އެއްވަރުވާންޖެހޭނެ ކަމަށް އަޅުގަނޑުމެން ގާނޫނުގައި ކަނޑައަޅައިދެއްވުން." ޔާސިރު ވިދާޅުވިއެވެ.
ޔާސިރު ވަނީ އެ ބިލު ފާސްކުރުމަށް ތަޅުމަށް ގެންނައިރު އެ އިސްލާޙް ހިމަނައި، އެ އިސްލާޙް ފާސްކުރުމަށް މެންބަރުންގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!