ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ރައީސް ޞާލިޙް މިއަދު ވަނީ ޅ. އަތޮޅަށް ކުރަށްވާ ދަތުރެއް ފައްޓަވާފައެވެ.
މިދަތުރުފުޅުގެ ތެރެއިން މިއަދު އެމަނިކުފާނު މަޑިވަޑިވަރު އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަނީ މިއަދަކީ ޅ. އަތޮޅުގެ ރައްޔިތުން ދިގު އިންތިޒާރެއްގެ ނިމުން އައި ދުވަހެއްކަން ފާހަގަ ކުރަށްވާފައެވެ. އަދި އެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް ވިދާޅުވިއެވެ.
"މިއަދަކީ، ފާދިއްޕޮޅުގެ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް. އަދިމި އަތޮޅުގައި ރިޒޯޓުތައް ހިންގާ ވިޔަފާރިވެރިންނަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް. ފާދިއްޕޮޅަށް ނިސްބަތްވާ ރައްޔިތެއްގެ ޙައިޘިއްޔަތުން، އުފަން ދަރިއެއްގެ ޙައިޘިއްޔަތުން މިއީ އަޅުގަނޑަށްވެސް ލިބުނު ވަރަށްބޮޑު އުފަލެއް. މިއީ މި އަތޮޅުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ކުރަމުން އައި އުންމީދެއް ޙަޤީޤަތަކަށް ވެގެންދިޔަ ދުވަސް" ރައީސް ވިދާޅުވިއެވެ.
މަޑިވަރުގައި އެއާޕޯޓެއް އެޅުމަގީ މީގެ 16 އަހަރު ކުރިން ސަރުކާރުން ނިންމާފައިވާ ކަމެއްކަމަށާއި، ރައީސް މައުމޫންގެ ވެރިކަމުގައި 2006 ވަނަ އަހަރުގައި މަޑިވަރު ހޯލްޑިންގްސްގެ ނަމުގައި ކުންފުންޏެއް އުފައްދައި އެ ރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުން ނިންމި ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ ކުންފުނީގެވެސް އެއް ހިއްސާދަރުންގެ ގޮތުގައި މިއަދު މި އެއާޕޯޓް ތަރައްގީކުރެއްވި ފަރާތްތައް ހިމެނޭ. ޗަމްޕާ ހޯލްޑިންގްސް، ޗަމްޕާ ބްރަދަރސް، އެ ކުންފުނީގައިވެސް ހިމެނޭ. އެހެންނަމަވެސް ސަރުކާރުގެ ސިޔާސަތައް އޭރު ގެނެވުނު ބަދަލުތަކާއި ގުޅިގެން މި މަސައްކަތް ދިގުދެމިގެން ގޮސް އެތައް ދުވަހެއް ވޭތުވެގެން ދިޔައީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެއާޕޯޓް ހުޅުވިއިރު ރޭގަނޑާއި ދުވާލު ފްލަޓް ޖެއްސޭނެ ކަމަށެވެ. އަދި އެއާޕޯޓްގައި ޒަމާނީ އެންމެ ފުރިހަމަ ވަސީލަތްތައް ގާއިމްކޮށްފައިވާ ކަމަށެވެ.
ރައީސް ވަނީ ރައީސް ޞާލިޙް ވަނީ މަޑިވަރު އެއާޕޯޓްގެ މަސައްކަތް ކޮށްދިން ކުރައްދޫ އައިލެންޓް ޕްރައިވެޓް ލިމިޑެޓް ގެ އިސްވެރިންނަށް ޝުކުރު އަދާކުރައްފައެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ.
ޅ. މަޑިވަރު އެއަރޕޯޓަކީ ފާދިއްޕޮޅު މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގގެ ފަރާތުން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓް ހިންގާ ބެލެހެއްޓުމަށް ހަވާލުވެފައި ވަނީ އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑެވެ. މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއެކު އެއް ފަހަރާ ހަތަރު މަތިންދާ ބޯޓަށް ޚިދުމަތް ދެވެންހުރެއެވެ. ހަމަ އެހެންމެ ޓަރމިނަލުގައި އާންމު ފަސެންޖަރުންގެ އިތުރުން 80 މީހުންގެ ޖާގައިގެ ވީއައިޕީ ލައުންޖެއް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!