ހދ.ހަނިމާދޫއިން 3000 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށް، އެ ރަށު ކައުންސިލުން ނިންމައިފިއެވެ.
ހަނިމާދޫއިން މި އަދަދަށް ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ހަނިމާދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ޖަލްސާގައި އެ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުބިއްޔަތުންނެވެ.
މިކަން ހާމަކޮށް ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހަނިމާދޫއިން ގޯތި ދިނުމަށް މިއަދު ހަނިމާދޫ ކައުންސިލްގެ ހަތަރު މެމްބަރުންގެ އަޤުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދި ގޯތި ދޫކުރުމަށް އެ ކައުންސިލުން މިހާރު ހަދާފައިވާ އުސޫލު މި ޖަލްސާގައި ފާސްކުރެވިފައިވާ ކަމަށެވެ. ފިރާގު އިތުރަށް ވިދާޅުވެފައި ވަނީ މިއީ ހަނިމާދޫގެ ރައްޔިތުން ކުރަމުން އަންނަ އެންމެ ބޮޑު އިންތިޒާރުގެ ނިމުން ކަމަށެވެ.
މިކަމާއި ގުޅިގެން "ތިލަދުން" އާއި ވާހަކަފުޅު ދައްކަވަމުން ހަނިމާދޫގެ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވެފައި ވަނީ ހަނިމާދޫއިން ގޮތި ދޫކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަން ކައުންސިލުން ވަމުން އަންނަ ކަމަށާއި، މާ ލަހެއްނުވެ ގޯއްޗައްއެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިގެން ދާނެކަމަށެވެ.
ހަނިމާދޫއިން އެންމެ ފަހުން ގެވަޅު ދޫކޮށްފައު ވަނީ 2010 ވަނަ އަހަރުއެވެ. އެއަށްފަހު ފާއިތުވެދިޔަ 11 ވަރަކަށް އަހަރު ހަނިމާދޫއިން ގެވަޅު ދޫކޮށްފައިނުވާތީ، ހަނިމާދޫގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިވަނީ މި މައްސަލައެވެ.
ފާއިތުވެ 11 އަހަރު ތެރޭ ޒަވާޖީ ހަޔާތެއް ފަށައި، ބޯހިޔާވަހިކަމެއް ހެދުމަށް ރަށުން ގޯތި ހޯދުމަށް އެދިއެދި ތިބި އެތައް ރައްޔިތަކު އެބަ ތިއްބެވެ. ފާއިތުވި 11 އަހަރުތެރޭ އެތައް ކައިވެންޏެއް ކުރެވި، އެތައް ކުދިންނެއް އުފަން ވެއްޖެއެވެ. ނަމަވެސް އަމިއްލަ ބޯހިޔާވަހިކަން ބިނާ ކުރުމަށް ރައްޔިތުންނަށް ފުރުޞަތު ނުލިބި އޮތުމަކީ ހަނިމާދޫގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. ހަނިމާދޫއަކީ ބިމުގެ ގޮތުން ތަނަވަސްކަން ބޮޑު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!