ޓެކާސްއިން މުޅި ރާއްޖެއަށް އަމާޒުކޮށް ބާއްވާ "ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ޒޯން-1 ގެ ފައިނަލުގައި ބައްދަލު ކޮށްފައި ވަނީ ބްލޮކް-1 ގެ ޗެމްޕިއަން ކުޅުދުއްފުއްޓާއި ބްލޮކް-2 ގެ ޗެމްޕިއަން މާފަރެވެ. ފައިނަލް މެޗު މިއަދު ހަވީރު މާފަރު ފުޓްސަލް ދަނޑުގައި ކުޅުނުއިރު މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗު ކުޅުދުއްފުށިން ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 4-2 އިން ކުރި ހޯދައިގެންނެވެ.

Ad
rt

މިއަދު މެޗުގައި ވެސް ކުޅުދުއްފުށި ޓީމުގެ ފަރާތުން ފެނިފައިވަނީ މޮޅު ޑިފެންސިވް ގޭމެކެވެ. ކުޅުދުއްފުށި ޓީމްގެ އޮގަނައިޒް ޑިފެންސިވް ގޭމުގެ ސަބަބުން މެޗުގައި މާފަރަށް ވެސް ލަނޑު ޖަހާނެ ފުރުޞަތު ހޯދުން ވީ ދަތިކަމަކަށެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު މާފަރުން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކުޅުދުއްފުށީގެ އިބްރާހީމް ހަސަން (މައްލެ) ތަނަވަސް ކޮށްދިން ފުރުޞަތެއްގައި އަންވަރު ކާމިޔާބުކުރި ލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަވެގެން ދިޔައެވެ. މެޗުން މޮޅުވުމަށް މާފަރުން ކުރިއަށް ޖެހިގެން މަސައްކަތް ކުރި ނަމަވެސް ކުޅުދުއްފުށި ޓީމުން ވަނީ އެ ފުރުޞަތު ނުދީ މާފަރު ހިފަހައްޓާފައެވެ. މި މެޗުގައި ވެސް ކުޅުދުއްފުށީގެ ކީޕަރު މާހީ އަބްދުﷲ ގެ ކުޅަދާނަކަން ވަރަށް ބޮޑަށް ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ފުރަތަމަ ޕެނަލްޓީ ފޮނުވާލާފައި ވަނީ ކުޅުދުއްފުށި ޓީމްގެ ޖޯޒީ ނަމްބަރު 9 އިބްރާހީމް ހަސަން (މައްލެ) އެވެ. މައްލެ ފޮނުވާލި ޕެނަލްޓީ މާފަރުގެ ކީޕަރު ވަނީ މަތަކޮށްފައެވެ. މާފަރުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރި އިރު ކުޅުދުއްފުށީގެ ދެވަނަ ޕެނަލްޓީ ޖަހާފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 17 އަންވަރުއެވެ. އަންވަރު ފޮނުވާލި ޕެނަލްޓީ ވެސް މާފަރު ކީޕަރު ވަނީ މަތަކޮށްފައެވެ. ދެ ޕެނަލްޓީ ނާކާމިޔާބުވެ ކުޅުދުއްފުށީ ޓީމް ޕްރެޝަރަށް ވެއްޓުނު ވަގުތު އެ ޓީމްގެ ކީޕަރު މާހީ ވަނީ ތަފާތު ދައްކާފައެވެ. މިގޮތުން މާފަރުން ފޮނުވާލި ދެވަނަ ޕެނަލްޓީ އެ ޓީމްގެ ޖޯޒީ ނަމްބަރު 16 މެސީ ފޮނުވާލިއިރު އެ ޕެނަލްޓީ މާހީ ވަނީ މަތަކޮށްފައެވެ. ކުޅުދުއްފުށީގެ ތިންވަނ ޕެނަލްޓީ އެ ޓީމްގެ ކެޕްޓަން ޑޭވިޑް ފޮނުވާލިއިރު އެ ޕެނަލްޓީ ވަނީ ކާމިޔާބު ވެފައެވެ. މާފަރުގެ ތިންވަނަ ޕެނަލްޓީ އެ ޓީމްގެ އެންމެ އިތުބާރު ކުޅުންތެރިޔާ އޭޓީ ފޮނުވާލިއިރު އެ ޕެނަލްޓީ ވެސް މާހީ ވަނީ މަތަކޮށްފައެވެ. ކުޅުދުއްފުށީގެ ހަތަރުވަނަ ޕެނަލްޓީ އެ ޓީމްގެ ޖޯޒީ ނަމްބަރު 15 ހަސަން ފޮނުވާލިއިރު އެ ޕެނަލްޓީ ވަނީ މާފަރު ކީޕަރުގެ އަތުގައި ޖެހިފައި ގޯލުގެ ތެރެއަށެވެ. މާފަރުގެ ހަތަރުވަނަ ޕެނަލްޓީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11 ޖުމާ ފޮނުވާލިއިރު އެ ޕެނަލްޓީ ވެސް މާހީ ވަނީ މަތަކޮށްފައެވެ. ކުޅުދުއްފުށީގެ ފަސްވަނަ ޕެނަ ޕެނަލްޓީ ޖަހާފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 8 އަހްމަދު މުޙައްމަދު (ވެނިސް) އެވެ. އޭނާ ވަނީ ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް ހޯދައިދީފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިގެން ގޮސްފައި ވަނީ ކުޅުދުއްފުށީ ޓީމްގެ އިތުބާރު ގޯލް ކީޕަރ މާހީ އަބްދުﷲއެވެ.