ހއ. ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ގުރޫޕެއް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނެފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހޯރަފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ހޯރަފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނެވެ. ހަތަރު މީހުންގެ މި ގުރޫޕް ހައްޔަރުކޮށްފައިވަނީ މި މަހު 12 ވަނަ ދުވަހު ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގަ އެވެ.

ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހަކާއި 36 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ބުނެއެވެ.

އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.