މީގެ ސާޅީހަކަށް އަހަރު ކުރިއަށް ބަލައިލާއިރު، ބޭކަރީގެ މަސައްކަތަކީ ރާއްޖޭގައި އެހާ އާންމު މަސައްކަތެއް ނޫނެވެ. ހާއްސަކޮށް އަތޮޅު ތެރޭގައެވެ. ނަމަވެސް ށ. ފީވަކުގައި އައްޑިހައިގެ އަހަރުތަކުގައި ބޭކަރީއެއް ހުއްޓެވެ. އެތަނުގައި ފާރޮއްޓާއި ޕާން ފިހުނެވެ. އެއީ މި ރިޕޯޓް މި ހާއްސަކުރާ މަރިޔަމް ޝާޒީގެ ބައްޕަގެ ބޭކަރީއެވެ. އެތަން ހިންގާފައި ވަނީ ޝާޒީގެ މަންމައާއި ބައްޕަގެ އިތުރުން އާއިލާގެ މެމްބަރުންގެ އަމިއްލަ މަސައްކަތުންނެވެ.

ވުމާއިއެކު ޝާޒީގެ އާއިލާގެ މާޒީ އޮތީ ބޭކަރީގެ މަސައްކަތާއި ގުޅި ލާމެހިފައެވެ. ޝާޒީ އެންމެ ފުރަތަމަ އަދާކުރި ވަޒީފާއަކީ ފީވަކު ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާއެވެ. ޓީޗަރެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް ޝާޒީ މަސައްކަތްތަކެއް ކުރިއެވެ. ޝާޒީގެ ބައްޕަގެ އެދުމުގެ މަތިން ޓީޗިން ހަދަން މާލެ ވެސް ދިޔައެވެ. ނަމަވެސް އެކަމުގައި ކުރިއަށް ދިޔުމަށް ހުރަސް އެޅުނީ އޭރު އެކަމަށް މާބޮޑު ޝައުޤުވެރިކަމެއް ނެތުމުންނެވެ.

Ad
rt

ނަތީޖާއެއްގެ ގޮތުން ފުރަތަމަ ދަރިފުޅުލިބި ގޭގައި މަޑުކުރަން ޖެހުނު ވަގުތު ލިބުނު ހުސްވަގުތުގެ ބޭނުން ހިފައި މާލޭގައި ދިރިއުޅެމުންދިޔަ ގޭގައި ކުޑަގޮތަކަށް ބޭކަރީގެ މަސައްކަތް ޝާޒީ ފަށައިގަތެވެ. އެއީ 2003 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދުވަސްވަރަކީ މާލޭގައި ކޭކުގެ މަސައްކަތަށް ބޮޑު ޑިމާންޑެއް އޮތް ދުވަސްވަރަކަށް ވުމުން، މާލޭގައި ހުންނަ ޔުނިކް ކޭކާއި ގުޅިގެން ޝާޒީ ދިޔައީ އިތުރު ކަންކަން ދަސްކުރަމުންނެވެ. ޝާޒީ ފާހަގަ ކޮށްފައިވާ ގޮތުގައި އޭރު އެންމެ އިސްކަމެއް ދެވުނީ ކޭކުގެ މަސައްކަތްތަކަށެވެ. ސަބަބަކީ މާލޭގައި އޭރު ޑިމާންޑް ބޮޑަށް އޮތީ ކޭކަށް ކަމަށް ވާތީއެވެ.

މި މަސައްކަތުގައި ޝާޒީ މިހާރު 14 އަހަރު ހޭދަކޮށްފައިވާއިރު ފާއިތުވި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދާއިރާއާއި ގުޅުންހުރި ގިނަ ތަމްރީންތަކެއް ފުރިހަމަ ކޮށްފައެވެ. މިގޮތުން ޕޭސްޓްރީއާއި ގުޅޭ ތަމްރީންތައް ޝާޒީ ފުރަތަމަ ފުރިހަމަ ކޮށްފައި ވަނީ އަވައްޓެރި ލަންކާއިންނެވެ. އެއަށްފަހު، ކޭކުގެ މަސައްކަތާއި އެކަމުގެ ތަމްރީންތައް ވެސް ޝާޒީ ވަނީ ލަންކާއިން ފުރިހަމަ ކޮށްފައެވެ. އެއަށްފަހު ޝާޒީ ވަނީ މެލޭސިއާގައި ކޭކް ޑެކަރޭޝަންއާއި ސުގަރ ފްލާވަރިންގެ ތަމްރީންތައް ފުރިހަމަ ކޮށްފައެވެ.

މުދައްރިސަކަށް ވާން ބޭނުން ނުވި ނަމަވެސް ލިބިފައިވާ ޕޭސްޓްރީ މަސައްކަތްތަކުގެ ހުނަރާއި، އަދި ކެއްކުމާއި ގުޅުންހުރި ތަފާތު ހުނަރުތައް އެހެން މީހުންނަށް ބުނެދީ ދަސްކޮށްދީ އެ ފަރާތްތަކަށް އިތުރު ފުރުޞަތު ހޯދައި ދިނުމަކީ ޝާޒީ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ. މިގޮތުން ޝާޒީ ވަނީ ކެއްކުމާއި ގުޅުންހުރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރުޞަތުތައް ހޯދައި ދިނުމަށް މަސައްކަތްކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ޝެފް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) މެމްބަރެއްގެ ގޮތުގައި ހަތަރު އަހަރު މަސައްކަތް ކޮށް ގިނަބަޔަކަށް އެ ފުރުޞަތުތައް ފަހި ކޮށްދީފައެވެ.

އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން ލިބުނު ފުރުޞަތުތަކުގެ ތެރެއިން ޝާޒީ ވަނީ ތިން ރިސޯޓެއްގައި ޕޭސްޓްރީއާއި ގުޅުންހުރި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން ޝާޒީ ވަނީ ބަނޑޮސް، ފުށިފަރުގެ އިތުރުން ވައްކަރު ރިސޯޓުގައި މަސައްކަތްކޮށްފައެވެ. ކޮންމެ ރިސޯޓަކުން ވެސް ޝާޒީގެ މަސައްކަތް ބަލައިގަނެ އެ ރިސޯޓްތަކުން ވަޒީފާގެ ފުރުޞަތު ހުށަހެޅިގެން ދިޔައެވެ. ޝާޒީގެ މަސައްކަތް ބަޔަކު ބަލައިގަތުން ވެގެންދިޔައީ ދާއިރާއިން ކުރިއަށް ދިޔުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށެވެ. ނަމަވެސް އެ ވަގުތު ރިސޯޓް ވަޒީފާއަށް ދިޔުން ވީ ވަރަށް ދަތިކަމަކަށެވެ.

ދާއިރާއިން އިތުރަށް ކުރިއަށް ދާން ބޭނުންނަމަ ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލައި ކާމިޔާބު ހޯދުމަކީ މުހިންމު ކަމެކެވެ. ޝާޒީ ރިސޯޓް ލައިފަށް ދާން ނިންމީ ލިބިފައިހުރި ޢިލްމާއިއެކު އިތުރު ތަޖުރިބާކޮށް ކުރިއަށް ދިޔުމަށް ހިތުގައި އޮތް ޝަޢުގުގެ ބޮޑުކަމުންނެވެ. މިގޮތުން ޝާޒީ ވަނީ 2019 ވަނަ އަހަރު އޮޅުވެލި ރިސޯޓާއިގުޅި އެތަނުގެ ޕޭސްޓްރީ ޑިޕާޓްމަންޓްގައި މަސައްކަތް ކޮށްފައެވެ. އެއަށް ފަހު ހާޑްރޮކްގައި ވެސް ޝާޒީ ވަނީ މަސައްކަތް ކޮށްފައެވެ.

ޝާޒީ ކާމިޔާބީގެ ގޮތުގައި ފާހަގަ ކުރަނީ ހަމައެކަނި މުބާރާތަކުން ލިބޭ ވަނަތައް އެކަންޏެއް ނޫނެވެ. ސްވިޑަން މާސްޓަޝެފް ޕްރޮގްރާމްގެ ޑެސްޓްނީ އެޕްސޯޑްގައި ރާއްޖޭގެ ރަހަތައް ދައްކާލުމުގެ ފުރުޞަތު ލިބުނުއިރު، އެ ރަހަތަށް ރާއްޖެއިން ބޭރަށް ތަޢާރަފް ކުރުމުގައި ހިއްސާވުމުގެ ފުރުޞަތު ލިބުމަކީ ކާމިޔާބެއްގެ ގޮތުގައި ޝާޒީ ދެކެއެވެ. އަދި ހަމަ މިގޮތުން ޕުލްމަން މޯލްޑިވްސް މާމުތާގައި ފާއިތުވި އަހަރުގެ 23-29 އޯގަސްޓަށް ހަފްތާއެއްގެ ނިޔަލަށް ކުރިއަށް ގެންދިޔަ ފުޑްވީކްގައި ރާއްޖޭގެ ރަހަތައް ތަޢާރަފް ކޮށް ފަތުރުވެރިންނަށް ހުށަހަޅައި މަތީ ފަންތީގެ ޝެފުންނާއިއެކު މަސައްކަތްކޮށްލަން ލިބުމަކީ ވެސް ޝާޒީ ދެކޭގޮތުގައި ކާމިޔާބީއެވެ.

ނޮވެލްޓީ ކޭކް ކެޓަގަރީއާއި ވެޑިން ކޭކް ކެޓަގަރީގައި ވާދަކޮށް ހޮޓެލް އޭސިއާއިން ބޭއްވި މުބާރާތުން ބްރޯންޒް މެޑަލް ލިބުނުއިރު، 2016 ވަނަ އަހަރު ދަރުބާރު ގޭގައި ބޭއްވި ކަނބަލުންގެ ފެއާއިން ޝާޒީއަށް ވަނީ ދެވަނަ ލިބިފައެވެ. މިއީ ވެސް ޝާޒީގެ ބައެއް ކާމިޔާބީއެވެ.

ކޭކު އެޅުމާއި ޕޭސްޓްރީގެ ތަފާތު މަސައްކަތްތަކަކީ މިހާރަށް ބަލައިފިނަމަ މުޖުތަމަޢުގައި ވަރަށް އާންމު މަސައްކަތްތަކެވެ. ޝާޒީ ޤަބޫލްކުރާ ގޮތުގައި ގިނަބަޔަކު މި މަސައްކަތް ކުރުން އެއީ މި ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ ކުއްޖާ އެކަން ހުއްޓާލަން ޖެހޭ ސަބަބެއްނޫނެވެ. ކާމިޔާބު މީހަކަށް ވާން ބޭނުންނަމަ ޗެލްންޖާއި ކުރިމަތިލައި ކާމިޔާބު ހޯދުމަކީ މުހިންމު ކަމަކެވެ.

ޝާޒީވަނީ ރިސޯޓް ދާއިރާ އިޚްތިޔާރުކުރަން ބޭނުންވާ އަންހެން ކުދިންނަށް ވަރަށް ރަނގަޅު މެސެޖްތަކެއް ދީފައެވެ. ރިސޯޓް ދާއިރާއަށް ނުކުންނަށް ވިސްނާނަމަ ފުރަތަމަ ވިސްނުމަށް ގެންނަން ޖެހޭ އެއްކަމަކީ މި ދާއިރާއަކީ ފަސޭހަ ދާއިރާއެއް ނޫންކަމެވެ. ނުދަންނަ ގިނަ ބަޔަކާއި ކޮންމެ ދުވަހަކު ވެސް ބައްދަލުވާއިރު، ތިމާގެ އަޚުލާގު ހިފެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ގޮތުގައި ޝާޒީ ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި އާންމު ކެއުންތަކުގެ ގޮތުގައި ގަރުދިޔައާއި ބަތް ނުވަތަ ކިރުގަރުދިޔަ ފަދަ ކެއްކުންތައް ހިމެނުނު ނަމަވެސް ޝާޒީ ފާހަގަ ކޮށްފައިވާ ގޮތުގައި އެ ތަކެތި ކެއްކުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތުތަކެއް ހުރެއެވެ. އެ ތަފާތުވާ ސަބަބުތައް ދެނެގަނެ ރާއްޖޭގައި އެންމެ ކުރިން ކެއުމަށް ބޭނުންކުރި ތަކެއްޗާއި، ކައްކާ ތަކެތި ތަފާތުވާ ސަބަބުތައް ދެނެގަނެ އެ މަޢުލޫމާތު ހޯދައި އެހެން ޖީލުތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުމަކީ ޝާޒީގެ އުންމީދެކެވެ. މީގެ އިތުރުން ދާއިރާއިން މަޢުލޫމާތު އިތުރުކޮށް ކޮންމެ ދުވަހަކު ވެސް އައު ކަންކަން ދަސްކޮށް ކުރިއަރައި ދިޔުމަކީ ވެސް ޝާޒީގެ އުންމީދެވެ.