ހއ. ދިއްދޫ މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިއަދު ފަށައިފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ މިއަދު ފަށާފައިވާ މި މަސައްކަތުގެ ދަށުން އެރަށުގައި ކުރިން ހުރި މަގު ބައްތިތައް ލެޑް ލައިޓަށް ބަދަލުކޮށް ބައްތި ނެތް މަގުތަކުގައި އިތުރު ބައްތިތައް ހަރު ކުރެވިގެންދާނެ ކަމަށެވެ.

Ad
rt

އެގޮތުން މިހާރު ކުރިއަށް ދަނީ މިހާރު ހުރި ބައްތިތައް ލެޑް ލައިޓަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށާއި ފުރަތަމަ އިސްކަންދީފައި ވާނީ ތާރު އަޅާފައިވާ މަގުތަކުގެ ބައްތިތައް ބަދަލު ކުރުމުގެ މަސައްކަތް ކަމަށް އެކައުންސިލުން ވަނީ ވިދާޅުވިއެވެ. އަދި 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ދިއްދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި މަސައްކަތަކީ ދިއްދޫ ކައުންސިލްގެ ބަޖެޓްއިން ހޭދަކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން މި މަސައްކަތަށް އެއް މިލިއަން ރުފިޔާގެ ބަޖެޓްއެއް އެކުލަވާލާފައިވާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން އެކައުންސިލުން ވިދާޅުވެފައި ވަނީ މިމަސައްކަތުގެ ސަބަބުން ރައްޔިތުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.