ހއ. އަތޮޅު ކައުންސިލުން މި އަހަރު ހިންގާނެ ބައެއް ހަރަކާތްތައް ކަނޑައަޅައި، ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ އަތޮޅުކައުންސިލްގެ އިދާރީ މުވައްޒަފުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިންނެވެ.

Ad
rt

ހއ. އަތޮޅު ކައުންސިލުން ވިދާޅުވި ގޮތުގައި، އެ ކައުންސިލުން މިހިނގާ 2022 ވަނަ އަހަރު ހިންގުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހއ. އަތޮޅު ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބޭނުންވާ ސޮފްޓްވެއަރ ކައުންސިލްތަކަށް ހޯދައި ދިނުމަށް ވަނީ ނިންމާފައެވެ.

މީގެއިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް މަސައްކަތާގުޅޭ ދާއިރާއިން ތަމްރީން ޕްރޮގްރާމް ހިންގުމަށާއި، އަދި ރަށު ކައުންސިލްތަކުން އިސްނަގައިގެން ރަށުގެ ތަރައްޤީއަށް ހިންގާ ހަރަކާތްތަކަށް އެހީތެރިވުމަށް ވެސް ވަނީ ނިންމާފައެވެ.

އެ ކައުންސިލުން މިއަހަރު އިތުރަށް ކުރަން ނިންމި ކަންކަމުގެ ތެރޭގައި، ހއ. އަތޮޅު ސްކޫލް މަދްރަސާތަކުން ޘާނަވީ ތަޢުލީމާއި މަތީ ޘާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އަދި އަތޮޅު ޤުރުޢާން މުބާރާތް 1443 ބޭއްވުމާއި، ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން އަދަބީ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މަތީޘާނަވީ އާއި ޘާނަވީ ތަޢުލީމް ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފަރާތްތަކަށް ދެވޭ ފައިސާގެ އިނާމަކީ މީގެ ކުރިންވެސް ހއ. އަތޮޅު ކައުންސިލުން ދެމުން އަންނަ އިނާމެކެވެ.