ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބިޑަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

Ad
rt

މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެމިނިސްޓްރީން ބުނެފައިވެ އެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 13 ފެބުރުވަރީ 2022 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/2,100,000ރ (ދެމިލިއަން އެއްލައްކަ ރުފިޔާ) ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.