ށ. ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާކޮށް ދިރުވާ އާލާކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހްސަން ވިދާޅުވީ މިކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ 7 މެމްބަރުންނާއި އެކުގައި ކަމަށެވެ.
މި ކޮމިޓީގެ މެމްބަރަކަށް ވުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް އެކައުންސިލްގެ ފަރާތުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެފަރާތްތަކުން https://forms.gle/ijVbYAEvekHzipAs8 މި ލިންކް މެދުވެރިކޮށް ގޫގަލް ފޯމް ފުރުއްވުމަށްފަހު ހުށައެޅުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. މެމްބަރަކަށް ވުމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެއް ހަފްތާގެ ނިޔަލަށެވެ.
އަހްސަން އިތުރަށް ވިދާޅުވީ މިކޮމިޓީ އެކުލަވާލުމަށް ނިންމާފައިވަނީ އެއީ ޤާނޫނު ލާޒިމް ކުރާ ކަމަކަށް ވުމާއިއެކު އެރަށުގެ އާއްމު ފަރާތްތަކަކުން އެކަމަށް ޝައުގުވެރިކަން ފާޅު ކުރަމުން ދާތީއެވެ.
އެގޮތުން އެރަށުގެ އާސާރީ ބައެއް ތަކެތި އެކައުންސިލްގެ އިމާރާތެއްގައި މިހާރު ވެސް ބެހެއްޓިފައި ވެއެވެ. އަދި ކޮމިޓީއެއް އެކުލަވާލުމުގެ މަގްސަދަކީ މިފަދަ ތަކެތި ރައްޔިތުންނަށް ފެންނާނެ ގޮތަކަށް ބެހެއްޓުމާމެދު މަޝްވަރާކޮށް އެފަދަ ތަކެއްޗަކާއި ރަށުގައި ހުރި އެފަދަ ތަންތަނުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން ކަމަށް އަހްސަން ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ ކަންކަމަށް އަމިއްލަ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް އެކައުންސިލްގެ ނަމުގައި ވަނީ ޝުކުރު އަދާކޮށްފައެވެ.
ތާރީޚީގޮތުން ބަލާއިރު، އެ ރަށުގައި ހިމާޔަތްކުރެވިފައިވާ ގިނަދުވަސްވީ ދިއްގާ ގަހެއް ހުންނައިރު، އަދި އެރަށުގައި "މެދުޒިޔާރަތް" ކިޔާ ޒިޔާރަތެއް ހުރެއެވެ. މިޒިޔާރަތަކީ، ކުރީ ޒަމާނުގައި ބަލި ކުދިން އެތަނަށް ގެންދިއުމުން ބަލި ފަސޭހަވާ ތަނެއްގެ ގޮތުގައި އެރަށު މީހުންގެ ގަބޫލުކުރާ ތަނެކެވެ.
ކަނޑިތީމު ފަޅުތެރޭގައި އޮންނަ "ކުޑަދޫ" ކިޔާ ފަޅުރަށުގައި "ފީބޯ" ކިޔާ ވަޅުގަނޑެއް އޮވެއެވެ. މި ވަޅުގަނޑަކީ އިހުޒަމާނުގައި ދިވެހި ގައުމުގެ މައްޗަށް ވެރިވިގަތް ޕޯޗުގީޒުންގެ ވެރިޔާ، އަނދިރިއަނދިރިން ނިދަން ބޭނުންކުރި ތަނެއްކަމަށް ބުނެއުޅެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!