ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ނަހުލާ ވިދާޅުވީ މިއީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ދުވަހުގެ ނިޔަލަށެވެ.
އެގޮތުން މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން، އެފަރާތެއްގެ އައިޑީ ކާޑުގެ ކޮޕީއާއި ފޯން ނަންބަރ ޖެއްސެވުމަށް ފަހު 7426560 މި ނަންބަރ އަށް ވައިބާ ކުރެއްވުމަށް އެކޮމިޓީއިން ވަނީ އެދިލައްވާފައެވެ.
މި ޕްރޮގްރާމްގައި ކިޔަވާދެއްވާނީ ފަނުން މިފަދަ ތަކެތި ވިއުމުގައި ތަޖުރިބާކާރު ފަރާތެއް ކަމަށްވާ އެރަށު އަލިވާގެ އަބްދުލް ހަކީމްއެވެ. މި ޕްރޮގްރާމްގައި ފަނުގެ އިތުރުން ކަށިކެޔޮ ފަތް އަދި ހުއި ބޭނުންކޮށްގެން ތަކެތި ވިޔާނެ ގޮތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އެކޮމިޓީއިން ބުނެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ގޭގައި ތިބެގެން ރަށުގެ އަންހެން ބޭފުޅުންނަށް އާމްދާނީ ހޯދިދާނެ ފުރުސަތެއް ފަހި ކޮށްދިނުމެވެ. މީގެ އިތުރުން ތަފާތު މުނާސަބަތުތަކާއި ގުޅިގެން މާބޮނޑި ފަދަ ތަކެތި ތައްޔާރު ކުރުމަށް ސްކޫލްގެ ބެލެނިވެރިންނަށްވެސް މި ހަރަކާތުގެ ސަބަބުން އެހީއެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.
ދިއްދޫ އަންހެނުންގެ ކޮމިޓީއިން މީގެ އިތުރުންވެސް ތަފާތު ހަރާކާތްތަކެއް އެރަށުގައި ކުރިއަށް ގެންދިއުމަށް ރާވާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ގެނައުމަށް އެކޮމިޓީއިން ރާވާފައިވާ ހަރަކާތެވެ. މީގެ އިތުރުން ފެހުމުގެ ކޯސްފަދަ ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެކޮމިޓީއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!