ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ޤިރާއަތު ލެވެލްގެ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެރަށު އަންހެނުންގެ ކޮމިޓީގެ ރައީސާ ފަރުޒާނާ އާދަމް ވިދާޅުވީ މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ސްކޫލްގެ ގްރޭޑް 6 އަކުން މަތީގެ ދަރިވަރުންނަށާއި ރަށުގެ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެފަރާތެއްގެ ނަމާއި، އުމުރު، އައިޑީ ކާޑް ނަންބަރ އަދި ފޯން ނަންބަރ ޖެއްސެވުމަށްފަހު 9661886 ނަންބަރަށް މެސެޖް ކުރެއްވުމަށް އެކޮމިޓީއިން ވަނީ އެދިފައެވެ. މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ މި ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.
އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކިޔަވާދެއްވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ މުޤައްރަރާއި އެއްގޮތްވާ ގޮތުގެ މަތީން ޤާރީ ކޯސްތަކުގައި ކިޔަވާދެއްވާފައިވާ ތަޖުރިބާ ކާރު އުސްތާޒުންނެވެ.
މި ކޯހަކީ ބައިވެރިންގެ އަތުން ފީއެއް ނަގައިގެން ކުރިއަށް ގެންދާ ކޯހެކެވެ. އެގޮތުން 8 ހަފްތާއަށް ކުރިއަށް ގެންދާ ޤިރާއަތު ލެވެލް-1 ގައި ބައިވެރިވުމަށް މަހަކު -/300 ރުފިޔާ ދައްކަވަން ޖެހެއެވެ. އަދި ޤިރާއަތު ލެވެލް-2 ގައި ބައިވެރިވުމަށް މަހަކު -/425 ރުފިޔާ ދައްކަވަން ޖެހެއެވެ. ލެވެލް-2 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 14 ހަފްތާ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!