ފެނަކަ ކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން ށ. ކޮމަންޑޫގައި ހުންނަ އެއަތޮޅު ތައުލީމީ މަރުކަޒަށް 55 އިންޗީގެ 10 ޓީވީ ހަދިޔާކޮށްފިއެވެ.

މިއީ އެ ތަޢުލީމީ މަރުކަޒުގެ ކުލާސްރޫމްތައް އަޕްގުރޭޑް ކުރުމަށް ބޭނުންވާ އެހީތެރިކަމެކެވެ.

Ad
rt

މިކަމަށްޓަކައި އެމަރުކަޒުގެ ހުރިހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުންނާއި، ސީނިޔަރ މެޖޭޖުމެންޓާއި އަދި ޕީޓީއޭގެ ފަރާތުން، ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަށާއި އަދި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް ވަނީ ދަންނަވާފައެވެ.

ފެނަކައިގެ ސީއެސްއާރުގެ ދަށުން މީގެކުރިން އެރަށު ސިއްޚީ މަރުކަޒަށްވެސް ވަނީ 4 އޭސީއާއި ޓީވީއެއް ހަދިޔާއެއްކޮށްފައެވެ. އަދި ށ. ނަރުދޫ ސްކޫލްގެ ބެލެނިވެރިންނާއި ދަރިވަރުންގެ ހިޔާ ހެދުމަށް -/50000 (ފަންސާސް ހާސް ރުފިޔާ ) އަދި މާއުނުގޫދޫ ސިއްޚީ މަރުކަޒުގެ ވޯޑާއި އެރަށު ކައުންސިލުން ހިންގަމުންދާ ބޭބީ ނާސަރީ އަދި ނާސަރީ ކްލާސް ރޫމް އެސީ ކުރުމަށް ބޭނުންވާ އޭސީވެސް ހަދިޔާކޮށްފައި ވެއެވެ.

މީގެ އިތުރުން ފޯކައިދޫގައި ތަރައްޤީ ކުރާ ފުޓްސަލް ދަނޑުގެ ލައިޓް ޖެހުމަށް ބޭނުންވާ ބުޑު އެޅުމަށް ސިމެންތި، ހިލަ އަދި ހިލަވެލި ފެނަކައިގެ ފަރާތުން އެރަށު ކައުންސިލާއި ހަވާލުކޮށްފައި ވެއެވެ.

ފެނަކައިގެ ފަރާތުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނިން ޚިދުމަތްދޭ ރާއްޖޭގެ އެކި ރަށްރަށަށް މިފަދަ ގިނަ އެހީތަކެއް އަންނަނީ ފޯރުކޮށްދެމުންނެވެ.