ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ދާއިމީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ޢިއުލާން ކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އީސީއިން ވަނީ ހަމަ އެރޭ ރޭޢިއުލާން ކޮށްފައެވެ. މިއަދު ޢިއުލާންކުރި ދާއިމީ ނަތީޖާއާއި، ވަގުތީ ނަތީޖާގެ ތަފާތެއް ނެތެވެ.

Ad
rt

މިގޮތުން އީސީން މިއަދު ޢިއުލާން ކުރި ދާއިމީ ނަތީޖާގައި ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދެވެ. އޭނާ އަށް ވަނީ 1401 ވޯޓު ލިބިފައެވެ.

ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. ފަތުހީއަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީ ކެންޑިޑޭޓް އަބުދުލް ހަންނާން އިދުރީސްއަށް ލިބުނީ 323 ވޯޓެވެ.

މި އިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވާއިރު، މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައި ވެއެވެ. އަދި އިންތިޚާބުގައި ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.

އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.