ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން ދޭހަވެގެން ދިޔައީ ރީތި އަހްލާގައި އިހްލާސްތެރިކަން މީހުން ބަލައިގަންނަނީ ނަމެއްގައިކަން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ތަރުޖަމާނު، އަސްރާ އަހްމަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް އެ އިންތިޚާބުގައި ތިން ޕާޓީއަކުން ވާދަކުރިއެވެ. އެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަން ކޮމިޝަން (އީސީ)އިން ހޮނިހިރު ދުވަހުގެ ރޭޢިއުލާން ކޮށްފައިވާއިރު، އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ގޮނޑި ކާމިޔާބުކޮށްފައި ވަނީ، ވެރިކަންކުރާ އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދެވެ. އޭނާ އަށް ވަނީ 1401 ވޯޓު ލިބިފައެވެ.
ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީ އާދަމަށެވެ. ފަތުހީއަށް 1161 ވޯޓު ލިބިފައިވާއިރު އެމްއެންޕީ ކެންޑިޑޭޓް އަބުދުލް ހަންނާން އިދުރީސްއަށް ލިބުނީ 323 ވޯޓެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ޢިއުލާން ކޮށްފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައި އަސްރާ ވިދާޅުވީ، މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ދޭހަވެގެން ދިޔައީ މިޒަމާނުގައި އިޚްލާޞްތެރިކަމާއި ރިވެތި އަޚްލާޤަކީ އަގުހުރި އެއްޗެއް ނޫންކަން ކަަމަށެވެ. އަދި އެއީ މީހުން ނަމެއްގައި ބަލައިގަންނަ ކަންތައްތައް ކަން ކަމަށެވެ.
"އެހެނީ ފައިސާއާއި ނުފޫޒަކީ މާ ވަރުގަދަ އެއްޗެއްކަން" އަސްރާ ވިދާޅުވިއެވެ.
Nimigendhiya Komandoo Dhaairaage inthihaabun dheyhavegen dhiyei mizamaanuga ikhalaastherikamaa rivethi akhlaagaky aguhuri ehcheh noonkan. Adhi ei meehun namehga balaiganna kanthahkan. Ehenee faisaayaa nufoozaky maa varugadha ehcheh kan.
— Asr Ahmed (@AhmedAsrra) February 6, 2022
އަސްރާ މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބަށްފަހު ހޮނިހިރު ދުވަހުގެރޭ އަސްރާ ނިސްބަތްވެވަޑައިގަންނަވާ އެމްއެންޕީން ނެރުނު ނޫސްބަޔާނެއްގައ،ި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން ހާމަވެގެންދިޔަ އެއްކަމަކީ ދިވެހިރާއްޖޭގައި ނުފޫޒެއް ނެތި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ކަމަށާއި، އަދި އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަން ވެސް އިނގިގެންދާކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!