ފޯރިގަދަ ކެމްޕޭނަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.

މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8:00 އިން ހަވީރު 16:00 އަށް ކުރިއަށް ދާނެއެވެ. މީގެތެރެއިން 15:00 އިން 16:00 ޚާއްޞަކޮށްފައި ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނަށާއި، ކަރަންޓީނު ކުރެވިފައިވާ މީހުން ވޯޓު ލުމަށެވެ.

Ad
rt

ކޮމަންޑޫގެ 1 ނަމްބަރު ވޯޓު ފޮށީގައި ވޯޓުލުން ފަށާފައި ވަނީ 8:03 އެވެ. 2 ނަންބަރު ފޮށީގައި ވޯޓުލުން ފެށީ 8:02 ގައެވެ. ފޯކައިދޫ 1 އަދި 2 ނަމްބަރު ވޯޓު ފޮށީގައި 8:00 ގައި ވޯޓުލުން ފެށިއިރު، މަރޮށީގައި ވެސް ވަނީ 8:00 ގައި ވޯޓުލާން ފަށާފައެވެ. މާލޭގައި ހުންނަ 2 ފޮށީގައި ވޯޓުލާން ފެށީ 8:12 ގައެވެ.

އެމްޑީޕީ ކެންޑިޑޭޓް ރާޑޯ ވޯޓުލާ މަރުކަޒެއް ބޭރުގައި، ފޮޓޯ: މައިމޫން

މި އިންތިޚާބަށް 3349 ވޯޓް ކަރުދާސް ޗާޕްކޮށްފައިވާއިރު، މިއަދުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު، އެ ދާއިރާގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިފައި ވެއެވެ.

މި އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީގެ ފަރާތުން ވާދަކުރަނީ ފޯކައިދޫއަށް ނިސްބަތްވާ މުޙައްމަދު ރާޝިދު (ރާޑޯ) އެވެ. ޕީޕީއެމުން މޫސާ ފަތުހީ އާދަމް ވާދަކުރާއިރު، އެމްއެންޕީގެ ފަރާތުން ވާދަކުރަނީ އަބުދުލް ހަންނާން އިދުރީސް އެވެ. އެ ދެބޭފުޅުން ވެސް ނިސްބަތްވަނީ ކޮމަންޑޫ އަށެވެ.

އެމްއެންޕީގެ ކެންޑިޑޭޓު ހަންނާނު ވޯޓު މިއަދު ހެނދުނު ވޯޓު ލަނީ، ފޮޓޯ: އެމްއެންޕީ

އެދާއިރާ ގޮނޑި ހުސްވެފައިމިވަނީ އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

މި އިންތިޚާބުގައި ފޯރިއާއި އެއްވަރަށް ދަނީ މަޝްރަޙު ވެސް ހޫނު ވަމުންނެވެ. ރޭގައި ފޯކައިދޫގައި އީސީގެ އޮފިޝަލުންނާއި، އެމްޑީޕީގެ ބައެއް ބެފުޅުން ބައްދަލުކުރާކަމަށްބުނެ އެރަށުގައި ވަނީ ހަމަނުޖެހުން ހިނގާފައެވެ. ނަމަވެސް އެމްޑީޕީން އެކަން ދޮގުކޮށްފައިވާއިރު އީސީން ވެސް ވަނީ އެފަދަ ކަމެއް ނުހިނގާކަމަށް ބުނެފައެވެ. އެރަށުގައި ހިނގި ހަމަނުޖެހުން ވީޑިއޯއާއި ފޮޓޯ ދަނީ މީސް މީޑިއާގައި ވެސް ދައުރުވަމުންނެވެ.

ޕީޕީއެމް ކެންޑިޑޭޓް ފަތުހީ ވެސް ވަނީ ވޯޓު ލާފައި، ފޮޓޯ: ރިޔައްޓޭ/ޓްވީޓާ

މިއަދު ހެނދުނު މާލޭގެ ވޯޓުލާ މަރުކަޒު އިސްކަންދަރު ސްކޫލް ކައިރީ ވެސް ވަނީ ހަމަނުޖެހުން ހިނގާފައެވެ. ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި އެމްޑީޕީން ދަނީ އެ ސަރަހައްދުގައި ވޯޓުގަތުމަށް ފައިސާ ބަހަމުންނެވެ. އެމްޑީޕީން ބުނާގޮތުގައި އެކަން ކުރަނީ ޕީޕީއެމުންނެވެ.

މިކަމުގައި ބޮޑު ދެ ޕާޓީ ދަނީ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ތުހުމަތު އަޅުވަމުންނެވެ.