ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އިންތިޚާބު ކޮށްދީފިނަމަ، އެ ދާއިރާގެ އިސްރަށްވެހީންގެ ޝަކުވާތައް އަޑުއަހައި ހައްލު ހޯދައިދިނުމަކީ އެންމެ އިސްކަންދޭނެ އެއްކަންތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.

ހަންނާން ނުކުމެހުންނެވީ ކޮމަންޑޫ ދާއިރާއަށް ތަސައްވުރެ އެކުލަވާލައި، އެކަން ޕްލޭން ވެސް ކުރަށްވައިގެންކަމަށް އޭނާ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އޭނާގެ ތަސައްވުރުގައި ހިމެނޭ ވައުދުތަކަކީ މުޅިދާއިރާއަށާއި، ދާއިރާގެ ތިން ރަށަށް ވަކިން ހިމަނާފައިވާ ވައުދުތަކެކެވެ.

Ad
rt

މި ވައުދުތަކަކީ އޭނާއާއި އެމްއެންޕީގެ ލީޑަޝިޕް ތިން ފަހަރެއްގެ މަތިން ދާއިރާގެ ރަށްތަކަށް ދަތުރުކުރުމަށްފަހު ރަށްޔިތުންގެ އަޑުއަހައި، އެކުލަވަލާފައިވާ ވައުދުތަކެކެވެ.

ދާއިރާގެ އިސްރަށްވެހީންނާއިމެދު ވާހަކަ ދައްކަވަމުން ހަންނާން ވިދާޅުވީ، އަދުގެ ޖީލު ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ބޭފުޅުންނަކީ މިއަދުގެ އިސްރަށްވެހީން ކަމަށެވެ.

"އެބޭފުޅުންގެ ޝަކުވާތައް އަޑުއަހާ އެކަންކަމަށް ހައްލު ހޯދައިދިނުމަކީ އަޅުގަނޑު އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަންތައް" ހަންނާން ވިދާޅުވެފައެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނުގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި ވަނީ އެ މެނިފެސްޓޯގައި ނުވާވަރުކަމެއް އަދި ނުފުއްދޭވަރުގެ ވައުދެއް ހިމަނާފައި ނުވާނެ ކަމަށެވެ.

ކެންޑިޑޭޓު ނަމްބަރު 3، ހަންނާނަކީ ކޮމަންޑޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ޒުވާން ވިޔަފާރިވެރިއެކެވެ.

ތައުލީމީ ދާއިރާގައި 32 އަހަރަށްވުރެ ދިގު މުއްތަކަށް ޚިދުމަތް ކުރއްވުމަށްފަހު މިހާރު ހަންނާނަކީ އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެވެ. އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެއެވެ.

ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވައިފައެވެ. އަދި ހދ. ހަނިމާދޫ ސުކޫލާއި ރ. އިނގުރައިދޫ ސޫކޫލާއި ނ. މާފަރު ސުކޫލާއި ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެއެވެ.