ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނައިނަމަ، ކޮމަންޑޫ އޮތް ދިމާލަަށް މިސަރުކާރުން ބަލާވެސް ނުލާނެކަމަށް އެދާއިރާގެ ބައި އިލެކްޝަނުގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަހްތީ އާދަމް ވިދާޅުވެއްޖެ އެވެ.

ފަތުހީ މިމޭރުމުން ވިދާޅުބީ އިއްޔެ ކޮމަންޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާ ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ކޯލިޝަންގެ އިސް ލީޑަރުން ކޮމަންޑު ދާއިރާގައި ކެންޕެއިން ކުރައްވަމުން ގެންދަވަނިކޮން ޕީޕީއެމްއިން ބޭއްވި އެ ޖަލްސާގައި ފަތުހީ ވިދާޅުވީ މަރުހޫމް ހުސެއިން ވަހީދުގެ އަވަހާރަވުމާ ގުޅިގެން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ނައިނަމަ ކޮމަންޑޫ އޮތް ދިމާލަަށް މިއިން މީހަކު ބަލާވެސް ނުލާނެ ކަމަށެވެ.

“އަދު ހުސެއިން ވަހީދަށްވެސް ތިޔަ ކުރައްވަނީ މާލާމާތް. ފާޅުގައި ނޫންތޯ ތިޔަ ބުނަނީ މިއިން ތަނަކަަށް އެއްވެސް ސަރުކާރަކުން ކަމެއް ކޮށްފައެއް ނެތޭ. ބަލަގަ މަޖިލިސް މި މީހުން އަތުގައި، ކައުންސިލް މި މީހުން އަތުގައި، ސަރުކާރު ދެ ދަންފަޅި މި މީހުން އަތުގައި. ކޮން ސަރުކާރެއްގެ ވާހަކަތޯ މި ދައްކަނީ،"

ފަތުހީ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަށްވެސް ފަތުހީ ވަނީ ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެއީ ރިޔާސީ ބަޔާނެއް ނޫންކަމަށާއި، ސިޔާސީ ބަޔާނެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު މިއަދު ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އުޅުއްވަނިކޮށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓް މޫސާ ފަތުހީއަށް އޮތް ތާއީދު ދައްކައި ބޮޑު ހިނގާލުމެއް ވެސް އިއްޔެވަނީ ބާއްވާފަ އެވެ.