މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) އަށް ވޯޓު ދޭންޖެހެނީ ކޮމަންޑޫ ދާއިރާއާއި، މުޅި ގައުމުގެ ލާބައަށްޓަކައި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.
ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް މިއަދު ކޮމަންޑޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ޤާސީމް ވަނީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިއްވެވި ރިޔާސީ ބަޔާނަށް ތައުރީފް ކުރަށްވާ ވާހަކަ ދައްކަވާފައެވެ.
އެ ރިޔާސީ ބަޔާނަކީ ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށާއި، އަދި އެއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު އިއްވެވި ރިޔާސީ ބަޔާންތަކުގެ ތެރެއިން އެންމެ ފުރިހަމަ އެއް ބަޔާންކަމަށް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރަށްޔިތުން ގާތަށް ވަޑައިގެންފައިވާނެ ކަމަށާއި، އެ ދާއިރާގެ ރައްޔިތުންނަށާއި، ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނުގެ މެސެޖު މިހާރު ލިބިފައިވާނޭ ކަމަށެވެ.
"އެމްޑީޕީއަށް މި ގޮނޑި މުހިންމުވެގެން ދަނީ ހަމައެކަނި މި ދާއިރާގެ ތަރައްގީއަށް ނޫންކަމަށް ވަރަށް ސާފުކޮށް އަޅުގަނޑު ދަންނަވައިފިން، އާދެ އަޅުގަނޑުމެންގެ ކުރިމަތީ މިއިންންނެވި ކެންޑިޑޭޓް ނަމްބަރު 1 ރާޑޯއަށް ވޯޓު ދޭން ޖެހެނީ ދިވެހި ދައުލަތުގެ ކުރިއެރުމަށާއި، ރައްޔިތުންނާއި ސަރުކާރުގެ މަދަދަށްޓަކައި" ޤާސިމް ވިދާޅުވިއެވެ.
އެ ގޮނޑި ސަރުކާރުގެ ކެންޑިޑޭޓަށް ލިބިގެން ދިޔުމަކީ، ބޭރުގެ އެހީތެރިކަން ލިބުމަށް މަގުފަހިވެ، އެނޫންވެސް ކިތަންމެ ސިފައެއްގައި ބޭރުގެ އެހީ ރާއްޖެއަށް ލިބުމަށް ވަރަށް ބޮޑަށް މަގުފަހިވެގެން ދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.
އަދި ރާޝިދަށް ވޯޓު ދިނުމަކީ ދުނިޔެވީގޮތުން ވާޖިބެއްކަމަށް ނޫނީ ދެކިވަޑައިނުގަންނަވާ ކަމަށާއި، އެމަނިކުފާނު ވެސް އެ މަސައްކަތަށް ނުކުމެވަޑައިގެން ހުންނެވީ އެހެންވެ ކަމަށް ވިދާޅުވިއެވެ.
"މިދާއިރާއަށް ކުރިއެރުން ލިބުމަކީ ހަމައަޅުގަނޑު ވަރަށް އެދޭކަމެއް، ކޯވިޑްގެ އާލަމީ ވަބާއިން މުޅި ދުނިޔެ ބަނަވެފައި ވަނިކޮށް ވެސް ކޮމަންޑޫ ދާއިރާއަށް ސަރުކާރުން ވެފައިވާ ވައުިދުތައް ފުއްދުމުގެ މަސައްކަތް ހަލުވި ކަމާއެކު ދަނީ ކުރިއަށް، އެމަންޒަރު އެބަފެނޭ" ޤާސިމް ވިދާޅުވިއެވެ.
އެ ގޮނޑި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓަށް ލިބުމަކީ އެ ދާއިރާއާއި، މުޅިރާއްޖެއަށް ވެސް އެންމެ ފައިދާ ބޮޑުގޮތްކަމަށް ޤާސިމް ވިދާޅުވިއެވެ. ސަބަބަކީ، އެއިރެއްގައި އޮންނަ ސަރުކާރަކަށް ރައްޔިތުންގެ އެއްބާރުލުމާއި އެއްބައިވަންތަކަން އޮތްކަން އެނގުމަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫޢުތަކަށް ފައިސާދޭ ބޭރުގެ ފަރާތްތަކަށް އަދި މަޝްރޫޢުތައް ހިންގަން ސަރުކާރުން ލޯނުނަގަން ބޭނުންވާ ހާލަތުގައި ލޯނު ދިނުމުގައާއި ބޭރުގެ ފަރާތްތަކުން ރާއްޖެއަށް އެހީތެރިވުމުގައި ވަރަށް ވެސް މުހިންމު ދައުރެއް އަދާކުރާކަމަކަށްވާތީ ކަމަށް ވިދާޅުވިއެވެ.
އެ ދާއިރާއަށް ނިސްބަތް އެހެން ދެ ބޭފުޅަކު ކުރިމަތިލާފައި ވިޔަސް، އެއީ ބައްޕަ، މަންމަ، ކޮށްކޮ އަދި ބޭބެ ކަމުގައި ވީނަމަވެސް އަމިއްލަ މަސްލަހަތު އެއްކިބާކޮށް އިސްކުރާންވީ މުޅި މުޖުތަމައުގެ މަސްލަހަތުކަށާއި، މުޖުތަމައުގެ މަސްލަހަތު އިސްކުރާ ކަމަށްވަންޏާ ކެންޑިޑޭޓް ނަމްބަރު 1 ރާޝިދަށް ވޯޓު ދޭންޖެހޭ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!