ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެއް ނެތްކަމަށާއި، ކުރިއަށް ދާންވީ ކުރިން ވެސް ޚިޔާރުކުރި އެމްޑީޕީގެ ފިކުރުގައި ކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް މިއަދު ކޮމަންޑޫގައި ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، 2019 ވަނަ އަހަރު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވަނީ ފިކުރެއް ޚިޔާރުކޮށް އެ ފިކުރުގެ މެންބަރަކު ދާއިރާއަށް އިންތިޚާބުކޮށްފައި ކަމަށް ވިދާޅުވެފައެވެ.

Ad
rt

ރައީސް ވަނީ މިއަދު މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވިގެން ދިޔައިރު، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ނެތުމުން އެ ފަޅުކަން އިޙްސާސްވިކަމަށް ވިދާޅުވެފައެވެ.

"2019 ވަނަ އަހަރު މިދާއިރާގެ ބެފުޅުން ވޯޓުން މަޖިލީހަށް އިންތިޚާބުކުރީ ފިކުރެއް، އެ ފިކުރު އެބައޮތް، އެކަން ދަމަހައްޓަން ޖެހޭނެ، 5 އަހަރަށް ތިބޭފުޅުން ވަކި ގޮތެއް ނިންމަވައިގެން ތި ތިއްބެވީ، އެ ގޮތަކީ ސަރުކާރަށް ތާއީދުކޮށް ސަރުކާރުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކަށް ރައްޔިތުންގެ މަޖިލީހުން ތިބޭފުޅުންގެ ބަސް އިއްވަން އެކަން އެގޮތުގައި ބޭއްވުމަކީ މިދާއިރާގެ ތަރައްގީއަށް ޓަކައި އަޅުގަނޑުމެން ކުރަން ނިންމާފައިހުރި ކަންތައްތަކެއް އަވަސްވެ ފުރިހަމަވެގެން ދާނެ ކަމެއް، ރާޝިދު މި އިންނެވީ އެ ފިކުރުގައި އެވިސްނުމުގައި މަސައްކަތްކުރަން" ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކޮމަންޑޫއާއި، ފޯކައިދޫއާއި އަދި މަރޮށީގެ ރައްޔިތުންގެ ވިސްނުން ބަދަލުވާންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މިދާއިރާއަށް ސަރުކާރުން ވީ ވައުދުތަކާއި، އެޖެންޑާ 19 ގެ ދަށުން ވީ ވައުދުތައް ގެންދަވަނީ ފުރާފުރިހަމަކުރަމުން، ރައްޔިތުން އެދޭގޮތަށް ކަންކަން ތަރުތީބު ކުރަށްވަމުން ކަމަށެވެ.

އެ ދާއިރާގެ ތިން ރަށުގައި މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިނގަމުންދާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރަށްވާފައެވެ.