ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫޢަކީ، އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށެވެ. އަދި އެކަށީގެންވާ ތަޢުލީމާއި ތަރުބިއްޔަތުގެ ފުރުޞަތު ފަހިވެފައި އޮތުން ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ، އިންސާނީ ވަސީލަތްތައް ފައްކާވެ، އަރާއަރަފޯދުމަށްވުރެ ބޮޑު ރަނގަޅެއް ޤައުމަކަށް ނޯންނާނެ ކަމަށާއި، ތާއަބަދު ސިކުނޑީގައި އެ ފިކުރާއި، ދުލުގައި އެ ޒިކުރުލައިގެން އުޅުނު ދިވެހި ޖީލެއްވި ކަމަށެވެ.
"ކަނޑުގައިވިޔަސް، ފަޅުގައި ނޫނީ ވަލު މަސައްކަތުގައި ދިރިއުޅުން ބިނާކުރީ އެގޮތުގައި. އޭގެ ކޮންމެ ދިވެހި މަޔަކާއި ބަފައެއްގެވެސް އޮތީ އެންމެ ހުވަފެނެއް. އެއީ ފުރާގު ހަމަކޮށް ދަރިޔަކަށް އަކުރެއް އެނގޭނެ ގޮތެއްވުން. އެއީ މާޒީވެ ގޮސްފައިވާ އެ ދުވަސް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނި ކަމަށެވެ. އަދި ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12,730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުޞަތު ހޯދައިދެވިއްޖެ ކަމަށް ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ތެރެއިން 2127 ދަރިވަރުން މިހާރުވެސް ވަނީ ޑިގްރީ ފުރިހަމަކޮށްފައި. އަދި މިގޮތުގައި ކުރިއަށް ގޮސް 2023ގެ ނިޔަލަށް 5,000 އަށްވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދައިގެން، ޤައުމު ބިނާކުރުމަށް ނުކުންނާނެ. އެއަށްފަހު، ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޑިގްރީ ހަދައިގެން ޤައުމީ ޚިދުމަތަށް ނުކުންނާނެ." ރައީސް ވިދާޅުވިއެވެ.
މިހާރު ކުރަށްވަމުން ގެންދަވާ މަސައްކަތަކީ، މަތީ ތަޢުލީމަށް އޮތް ގަނެވިއްކުމުގެ ވިޔަފާރި ބަންދުކުރުން ކަމަށާއި، އަދި ހިތްވަރެއްހުރި ކޮންމެ ދަރިވަރަކަށް ސަރުކާރުގެ ޚަރަދުގައި ހިލޭ ޑިގްރީއެއް ލިބޭނެގޮތް ހެދުން ކަމަށް ވިދާޅުވިއެވެ.
އެކަން މިހާރު މި ސަރުކާރަށް ވަނީ ހާސިލް ވެފައި ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!