ރަމަޟާން މަހުގެ ދަނޑުވެރިކަމަށް ށ. ގޮއިދޫ ދަނޑުވެރިންނަށް، އެރަށު ކައުންސިލްގެ ފަރާތުން ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން 8 ޓަނުގެ ގަސްކާނާ ދަނޑުވެރިންނަށް ފޯރުކޮށްދީފިއެވެ.
"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ ގޮއިދޫ ކައުންސިލުން ގަސްކާނާ ގެނެސްފައި މިވަނީ އާއްމުކޮށް ގަސްކާނާ ލިބެން ހުންނަ އަގަށް ވުރެ އަގުހެޔޮކޮށް އެރަށުގެ ދަނޑުވެރިންނަށް ވިއްކުމުގެ ގޮތުންނެވެ.
އެގޮތުން ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން ފަށާ ދަނޑުވެރިކަމަށް ކައުންސިލުން ގެނައުމަށް ހަމަޖެހިފައިވާ 30 ޓަނުގެ ގަސްކާނާގެ ތެރެއިން އިއްޔެ ވަނީ 8 ޓަނުގެ ގަސްކާނާ އެރަށަށް ގެންގޮސްފައެވެ. އެކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން އެރަށުގެ ދަނޑުވެރިން މިއަދު ކަރާ އިންދާނެއެވެ. އަދި މުޑުވަށް ކުރުމަށް ބޭނުންވާ ވަރަށް ގަސްކާނާ މިވަގުތު ލިބިފައިވާ ކަމަށާއި ބާކީ ބައި މިމަހުގެ 10 ހިސާބުގައި ލިބިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެކައުންސިލުން ބުނެފައިވެއެވެ.
ގޮއިދޫ ކައުންސިލުން އެރަށުގެ ދަނޑުވެރިންނަށް އަގު ހެޔޮ ކޮށް ގަސްކާނާ ގެނެސްދޭ މިއީ 4 ވަނަ އަހަރެވެ. އެކައުންސިލުން ގަސް ކާނާ ގަންނަނީ ރާއްޖެއަށް ގަސްކާނާ އެތެރެ ކުރާ ފަރާތްތަކުގެ ތެރެއިން އެންމެ އަގުހެޔޮކޮށް ގަސްކާނާ ވިއްކާ ފަރާތަކުންނެވެ.
ގޮއިދޫ ރައީސް ޝާހިދު މައުލޫމާތު ދެއްވި ގޮތުގައި، މިފަހަރުގެ ޝިޕްމެންޓް ގެނައުން ލަސްވެފައި މިވަނީ ކޯވިޑް ގެ ސަބަބުން ރާއްޖެއަށް ޝިޕްމެންޓް އައުމުގައި ދަތިތަކެއް ކުރިމަތިވެފައި ވުމުންނެވެ. އަދި މިިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ރަށުގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ދަނޑުވެރިންނަށް ކައުންސިލުންގެ ފަރާތުން އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެކައުންސިލުން ފާހަގަ ކުރާގޮތުގައި މި ޕްރޮގްރާމް ދަށުން އެރަށުގެ 95 އިންސައްތަ ދަނޑުވެރިން ވަނީ ކާނާ ގެންގޮސްފައެވެ. ގަސްކާނާގެ ގޮތުގައި ގެނެސްފައިވަނީ ގެރިގުއި އަދި ޔުނިގްރޯ އެވެ. އެރަށުގައި މިވަގުތު 270 އާ ގާތްކުރާ އަދަދަކަށް ފަރާތްތަކުން ދަނީ ދަނޑުވެރިކަން ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!