ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރަށްޔިތުންނަކީ އިގްތިސޯދީ ގޮތުން ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށާއި، އެކަން ކޮށްދޭނީ ވެސް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ކަމަށް އެ ޕާޓީގެ ރައީސް ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މާލޭ ކެމްޕޭން ޖަގަހާގައި ރޭ ކުރިއަށް ދިޔަ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަމުން ނާޒިމް ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ރައްޔިތުން ތުއްތު އިރުއްސުރެދެކޭ ވަރަށް ބޮޑު ހުވަފެންތަކެއް އެބައޮތް ކަމަށެވެ. އެ ހުވަފެންތަކުގައި 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ތިބި ރައްޔިތުން އެބަތިކަމަށާއި، ނަމަވެސް މިއަދާއި ހަމައަށް ވެސް އެކަން ހާސިލްވެފައި ނުވާކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެހެން އެކަން އޮއްވައި އެމްއެންޕީން އެ ދާއިރާއަށް ގޮސް، ރައްޔިތުންގެ އަޑުއަހައި އެވާހަކަ ދައްކަންފެށި ހިސާބުން އެ ރަށްޔިތުންގެ އުންމީދުތަކުގައި ކުލަޖެހެން ފެށުތަން އެބަ ފެނިވަޑައިގަންނަވާ ކަމަށާއި، އެކަންކަން ކޮށްދިނުމުގައި އަދިވެސް ސާބިތުވެ ތިބޭނީ އެމްއެންޕީން ކަމަށެވެ.
އެ ދާއިރާގެ ރަށްޔިތުންނަކީ ވަރަށް ތައުލީމީ، ވަރަށް ހޭލުންތެރި ބަޔެއްކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެ ރައްޔިތުން ފޮނި ހުވަފެންތަކެއް ދެކޭއިރު، އެ ހުވަފެންތަކުގައި ކުލަޖައްސައިދީ، އެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތްކުރުމުގައި އެމްއެންޕީ ދެމި އޮންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ކޮމަންޑޫ ރައްޔިތުން އެންމެ ބޮޑަށް ދެކެންބޭނުންވި ދުވަހަކީ އިގްތިޞާދީ ނަފާ ލިބޭނެ ދުވަހަކަށް، ކޮމަންޑޫ މިހާރު އޮތް ހާލަތަށް ބައްލަވާ، ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ހިޖުރަ ކުރަންޖެހުނީ ކީއްވެގެންތޯ، ބައެއްގެ ސަރުކާރުތަކެއްގެ އިހުމާލުން އެކަން ކުރަންޖެހުނީ، ކުރީގައި އޮތީ ޕީޕީއެމް ސަރުކާރު، މިހާރު އެމްޑީޕީ ސަރުކާރު، ކުރިން ވެސް ސަރުކާރެއް އޮތް، އެކަމަކު ރައްޔިތުންގެ އިހްސާސެއް ނޭނގުނު، އަޅުގަނޑު ދަންނަވާނީ ސަރުކާރުތައް ފެއިލްވެއްޖެޔޭ، އެ ޕާޓީތަކަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތް،" ނާޒިމް ވިދާޅުވިއެވެ.
ކޮމަންޑޫއަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ހިނގަން ފެށުމުން ރައްޔިތުންގެ އިހްސާސްތައް އެނގުނު ކަމަށާއި، އެ އިހްސާސްތައް އަޑުއަހައި، އެމްއެންޕީން އެކަމާ ވަކާލާތު ކުރަން ފެށުމުން ދުރުން އަލިކަމެއް ފެންނަމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.
"ރިސޯޓްތަކުގެ ވާހަކަ ދެއްކީމަ އިއުލާނެއް ފެނިއްޖެ، މަތިކޮމަންޑޫގެ ވާހަކަ ބާރުލާފައި ދެއްކީމައި ކޮންމެވެސް ވަރެއްގެ ކުލައެއް އެބަފެނޭ، އައިސްޕްލާންޓްނެތްވާހަކަ ދެއްކީމައި އެގްރިމެންޓެއްގައި ސޮއިކޮށްފި، ސްލިޕްވޭއެއްގެ ވާހަކަ ދެއްކީމައި އަދި އަޑެއްނީވޭ، އަޑުމަޑީހެން ހީވަނީ މިއަށްވުރެ ބާރަށް ސްލިޕްވޭގެ ވާހަކަ ދައްކަން އެބަޖެހޭ، އެއާޕޯޓްގެ ވާހަކަ ދައްކާ އަޑެއްނީވޭ، އެކަމަކު އަޅުގަނޑުމެން އެކަން ބޭނުން، އެއާޕޯޓެއް އަޅަން އަޅުގަނޑުމެން ސަރުކާރަށް މަޖުބޫރު ކުރުވާނަން، އަޅުގަނޑުމެން އެކަން ކޮށްދޭނަން" ނާޒިމް ވިދާޅުވިއެވެ.
ކޮމަންޑޫއަކީ ތައުލީމީ ގޮތުން ރަނގަޅު ނިޒާމެއް ގާއިމުވެފައި އޮތް ރަށެއް ނަމަވެސް އެރަށުން ގްރޭޑް 12 ނިންމާ ދަރިވަރުންނަށް މަތީ ތައުލީމު ފުރުޞަތު ނެތުމަކީ ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެހެންކަން ދިމާވުމުން ދަރިންނަށް މަތީތައުލީމު ހޯދައިދޭން އެރަށުގެ ގިނަ ރަށްޔިތުން ތިބީ މާލޭގައި ކަމަށާއި، އެރަށްޔިތުން ދިރިއުޅެމުން ދަނީ ދަތިތަންކޮޅުކޮޅުގައި ވަރަށް ހާލުގައި ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްއެންޕީގެ ވިސްނުމަކީ އެރަށުގެ ތައުލީމީ ނިޒާމަށް ބޮޑު ބަދަލެއް ގެނައުން ކަމަށާއި، ޖޫނިއަ ކޮލެޖްފެންވަރުގެ ތަނެއް އެރަށުގައި ހަދައި، ރަށްޔިތުން އެނބުރިރަށަށް ދިޔުމަށްޓަކައި މަގުފަހިކޮށްދީ، އެކަން ކާމިޔާބު ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
"މަރޮށީގެ ހާލަތަކީ ވެސް ދެރަ ހާލަތެއް، އެކަން އެނގެނީ އެތަނަށް ދެވުނީމައި، ކޮން އެހެންޕާޓީއަކުންތޯ ޕާޓީއެއްގެ އެންމެ އިސްވެރިއަކު މިވަރަށް ދޮރުން ދޮރަށް ހިނގީ، އެރަށްޔިތުންގެ އިހްސާސްތައް މުހުތާދުތައް އަޅުގަނޑުމެންނަށް އެނގުނު، އެއީ އެބޭފުޅުންނަށް ހައްގު މިންވަރެއްނޫން، އެއަށްވުރެ ރަނގަޅަށް ސަރުކާރަށް ކަންކަންކޮށްދެވެން އެބަޖެހޭ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެމްއެންޕީން ނޫނީ އިގްތިސާދީ ކަންކަމުގެވާހަކަ ނުދައްކާ ކަމަށެވެ. އެހެން ޕާޓީއެއްގެ ވެރިއެއް ވެސް ކެންޑިޑޭޓަކު ވެސް އެވާހަކަ ނުދައްކާ ކަމަށެވެ.
"އިގްތިސާދާނުލާ ކޮންކަމެއްތޯ މިގައުމުގައި ކުރަން އޮތީ، ފެންއެޅިދާނެ، ނަރުދަމާ އެޅިދާނެ، ބަނދަރު ކޮނެވިދާނެ، އެކަމަކު ޖީބަށް ފައިސާ ނުވަންނަ ކަމަށްވަންޏާ އެއީ ކުރިއެރުމެއްނޫން، އަޅުގަނޑުމެން ކެންޑިޓަކު ނެރުނީ އެވާހަކަ ދައްކަން، އެކަމާ ވަކާލާތުކުރަން، އެކަމަށް ހައްލު ހޯދައިދޭން" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ފޯކައިދޫ ގިނަ ރައްޔިތުން ރަށުގައި ދިރިއުޅޭ ކަމަށާއި، އެއީ ވަރަށް މަސައްކަތްތެރި ވަރަށް އަވަދި ނެތިއުޅޭ ރަށްޔިތެއް ދިރިއުޅޭ ރަށެއް ކަމަށެވެ. ނަމަވެސް އެރަށްޔިތުންނަށް ނަފާ ލިބޭ ގޮތެއް ނެތް ކަމަށާއި، އެރަށުގައި ހިންގާ މަޝްރޫޢަކުން އެ ރަށްޔިތުންގެ ޖީބަށް ވަންނައެއްޗެއް ނެތްކަމަށާއި، އެރަށުަގއި އިގްތިސާދި ހަރަކާތެއްނެތް ކަމަށް ވިދާޅުވިއެވެ. އެރަށުގެ ރަށްޔިތުން އެންމެ ގިނައިންކުރާ މަސައްކަތަކީ، އިހި، ބޯވަ ނެގުންފަދަ ކަންކަން ކަމަށާއި، އެހެންނަމަވެސް ރަނގަޅު އަގުގައި އެތަކެތި ވިއްކޭނެ ގޮތެއް ނެތުމުން އެކަމުން ނަފާ ހޯދޭ ގޮތެއްނެތް ކަމަށް ނާޒިމް ވިދާޅުވިއެވެ. އެވާހަކަ ވެސް ދައްކަނީ އެމްއެންޕީން ކަމަށާއި، އެތަކެތި ގަނެ މާކެޓް ކޮށްދޭނީ ވެސް އެޕާޓީން ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
އިގްތިސާދާ ނުލައި ކޮންކަމެއްތޯ ކުރެވޭނީ ކުރެއްވި ސުވާލު ތަކުރާރުކުރަށްވަމުން ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަކީ އިގްތިސޯދީގޮތުން ފުދުންތެރި ބަޔަކަށް ހަދައިދެއްވާނެ ކަމަށާއި، ކެންޑިޑޭޓެއް ނެރެގެން ކުރަށްވަނީ އެ މަސައްކަތްކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!