ހދ ވައިކަރަދޫގެ މުޖުތަމަޢު ތެރެއިން ކޯވިޑް-19 ގެ ކޭސްތައް ފެނި ބަލި ފެތުރެމުން ދާތީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައި ވަނީ މިއަދު ހެނދުނު 9:10 އިން ފެށިގެންނެވެ.
އެރަށް މޮނިޓަރިންގެ އަށް ލާފައި މިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އެރަށުގެ ފްލޫ ކްލިނިކަށް ދައްކަމުންދާ ގިނަ ފަރާތްތަކެއް ކޯވިޑް އަށް ޕޮޒިޓިވް ވަމުން ދިއުމާއި ގުޅިގެންނެވެ. މިވަގުތު އެރަށުގެ އެކްޓިވް ކޭސް ތަކުގެ އަދަދަކީ 16 އެވެ. އަދި ޖުމްލަ 61 ފަރާތެއް އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެރަށުގެ 17 ގެއެއް ވަނީ ކަރަންޓީނަށް ލާފައެވެ.
ވައިކަރަދޫ މޮނިޓަރިން ހާލަތަށް ގެނައުމާއި ގުޅިގެން އެރަށު ކައުންސިލުން ވަނީ އެރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ވަރުގަދަ ކޮށްފައެވެ. މިގޮތުން ވައިކަރަދޫ ކައުންސިލުން ވިދާޅުވެފައި ވަނީ، ކޯވިޑު 19 އާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެޗްޕީއޭއިން ވައިކަރަދޫ މޮނިޓަރިންއަށް ލާފައިވާތީ، މޮނިޓަރިންގެ ޙާލަތަށް ގެނެވޭ ރަށްރަށުގައި ޢަމަލުކުރުމަށް އެ އެޖެންސީން
ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުން ޢަމަލުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ފިޔަވަޅުތަކަކީ:
- ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން
ނުފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް ނޭރުން، - ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން، (ރަށުގައި ބަލިފެތުރުމުގެ ހާލަތަށް ބަލައި މި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެ)
- ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުން.
- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
- އެއްފަހަރާ 3 (ތިނެއް) މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން.
- ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށް ތަންތަން ބަންދުކުރުން،
- ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
- ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުން،
- ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ
ޚިދުމަތްތައް ހުއްޓައިލުން. (މީގެތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނޭ)
ކޯވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ވައިކަރަދޫގެ އިތުރުން ތިލަދުންމަތީގެ 8 ރަށެއް މިހާރުވެސް ވަނީ މޮނިޓަރިންގ އަށް ލެވިފައެވެ. އެރަށް ތަކަކީ:
- ހއ. އިހަވަންދޫ
- ހދ. ނޮޅިވަރަންފަރު
- ށ. ފުނަދޫ
- ހދ. ހަނިމާދޫ
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ށ. ކަނޑިތީމު
- ށ. މިލަންދޫ
ރާއްޖޭގެ ކޯވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިވަގުތު 17770 އެކެވެ. އިއްޔެ އެކަނިވެސް 2754 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މިބަލީގައި އިއްޔެ ވަނީ 95 އަހަރުގެ ފިރިހެނެއް ނިޔާވެސް ވެފައެވެ. މި މަރާއިއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 276 އަށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން 138880 މީހަކު މިބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!