ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ މޫސާ ފަތުހީ އާދަމް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް "އަނިޔާއިން" ސަލާމަތްކުރަންޖެހޭ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)އަށް ތާއީދުކޮށް ރޭ މާލޭގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ޖޭޕީން އިސްނަގައިގެން އެމްޑީޕީއާއި ގުޅިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

މޫކޭގެ ވާހަކާގައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނާއި، ނޫސްވެރިންނަށް ބިރުގަންނަވާފައި ވަނިކޮށް، ކުނޫޒަކީ އޭރުފެށުނު އިދިކޮޅު ހަރަކާތަށް ދިރުން ގެނުވިތަނެއްކަމަށް ވިދާޅުވެފައެވެ. އެދުވަސްވަރު ކުނޫޒްގައި ސިޔާސީ ހަރަކާތް ހިންގަމުން ދިޔައިރު، އޭރުގެ ހައުސިން މިނިސްޓަރު، މިހާރު މާލޭގެ މޭޔަރު ޑރ. މުއިއްޒު އިސްވެ ހުންނަވައި އިދިކޮޅު ފަރާތްތަކަށް ދުއްތުރާތައް ކުރިކަމަށާއި، ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށް ކުނޫޒް ކުރިމައްޗަށް ގާތަކެއް އޮއްސާލައި މަގު ބަންދުކުރުންފަދަ ދަތިތައް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ އަނިޔާވެރިކަން އިސްކުރި ވެރިއެއްކަމަށާއި، ޖޭޕީގެ ލީޑަރާއިމެދު ކަންކުރިގޮތް މިސާލަކަށް ފުދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖޭޕީގެ ލީޑަރު ޤާސިމް އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައި ވަނިކޮށް "ޙުކުމް ޖަހާލި" ކަމަށް ވިދާޅުވިއެވެ. މޫކޭ ވިދާޅުވީ ދެ އަހަރު ޖަލުގައި ހުންނެވުމަށްފަހު މިނިވަންވެވަޑައިގަތްއިރު ރައީސް ޔާމީންގެ ސިކުނޑި ވަނީ "ފޫ ގޮއްސައި" ކަމަށެވެ.

ރައީސް ޔާމީން އިހްލާސްތެރިވެ، އިހްސާންތެރިވާނަމަ އެމަނިކުފާނު ވިދާޅުވެގެން އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އަބަދުވެސް ވާނެ އެގޮތަށް ކަންތައް ކުރެއްވީސްކަމަށް މޫކޭ ވިދާޅުވިއެވެ.

"މި އިންތިޚާބުގައި ވެސް ފަތުހީ ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތްކޮށްދޭންޖެހޭ ވާހަކަ އަޅުގަނޑުމެން ދައްކަނީ ތޯތޯއެއްނޫން، އަޅުގަނޑުމެން ލޯމައްޗަށް ފެނުނު މަންޒަރުމީ، އަޅުގަނޑުވެސް ކޮމަންޑޫ ދާއިރާގައި ހުއްޓާ ރައީސް ޔާމީން ވަޑައިގަތީމައި ފަތުހީމެން އެކި ކުލަކުލައިގެ މާ އުކަމުން، ފިޔާތޮށި ކުލައާއި، ފިފެނާ އަދި އޮޑިހަނުގައި ގާނައިގެން އެ ގޭނި އެއްޗަކާއި އެކީގައި އުކީމަ ގޮސް ހަށިގަނޑު ރަނގަޅު ތިން ފެރިހެނުންނާއެކު ގޮސް ފިނި ކޮޓަރިއަކަށް ވަނީ، ވަތްގޮތަށް ދަށުން ދަމާކުޅެން އިނީ ފަތުހީ ބޭރުގައި ބަހައްޓާފައި، މިހަމަ ކަން ހިނގިގޮތް، އަދި އަތަށް ޖޯކަރެއް ދީފައި ބޭރުގައި ދޮރުމަތީގައި ބައިންދާފައި އިނީ،" މޫކޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަރޮށިން ވެސް ފެނުނީ އެފަދަ މަންޒަރެއް ކަމަށެވެ.

"މަރޮށްޓަށްގޮސް ފުރަން އައިއިރުގައި ކުޑަކުއްޖެއްހެން ދަބަހުގައި ބައްދާލައިގެން މީހަކު އިނީމަ ބަލާލިއިރު ހަމަ ފަތުހީ، ކޮބާހޭ ރައީސް އަހާލީމަ ބުނީ އެތެރޭގައޭ ތާސްކުޅެން، ކެންޑިޑޭޓް ގެންގުޅޭ ހާލުމީ" މޫކޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ރައްޔިތުންގާތަށް ވޯޓު ހޯދަން ވަޑައިގެބް ފިނިކޮޓަރީގައި އިންނަވާއިރު އެދާއިރާގެ ރައްޔިތުން ކައްކާއެއްޗެއް ވެސް ފަރިއްނުކުޅުއްވޭ ކަމަށެވެ. އަދި ދާއިރާ ރައްޔިތުން ކާންހަދާތާކަށް ވެސް ވަޑައިނުގެންނެވޭ ކަމަށެވެ.

"އަބުއިކަމާއި، ކިބުރުވެރިކަމާއި، ބޮޑާކަމާ، ޖައްބާރުކަމާއި މިހުރިހާ ސިފައިން ދުށިން ތަޖުރިބާކުރިން މިއަދު ވެސް މިފެންނަނީ އެމަންޒަރު، އަނގައިން ބޭރުވަމުން ދަނީ ވެސް އެ ބަސް، އެންމެފަހުން ވިދާޅުވީ ތިމަންނާގެ ވެރިކަމެއްގައި ޕީޕީއެމްގެ މީހަަކަށް ނޫނީ ވަޒީފާއެއް ވެސް ނުދޭނަމޭ، އެއީ އެކަން ކުރެއްވި ގޮތް، އޭރުކަންކުރެއްވި ގޮތް، މިއަދު އިންސާފުގެ ވާހަކަ ދައްކާއިރު އޭރު ކޯޓުތަކުގައި ތިބި ފަނޑިޔާރުން ދަމާ ކޫއްތަފަގެންގޮސް ޖެހެނީ ބުނިގޮތަކަށް ހުކުމް ޖަހާލަން، އެނޫން އިތުރު ޗޮއިސްސެއްނޯވޭ، ހުކުމް ޖަހައިފިއްޔާ ޕްރޮމޯޝަންލިބޭ، އެއީ ލޯ ކުރިމަތީ ހިނގާދިޔަ ކަންކަން" މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ، އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ އެފަދަ ސިސްޓަމްތަކަށް ބަދަލު ގެނައުން ކަމަށެވެ. މަޖިލިސްތެރޭގައި ވެސް ޕޯޑިއަމްތަކުގައި ވެސް އަދި ރަށްރަށަށް ގޮސްގެން ވެސް ކުރައްވަނީ އެ މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި ވައުދު ވަނީ ވެސް އެކަންކަން ކޮށްދޭން ކަމަށް ވިދާޅުވިއެވެ.