ހއ. ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށު ސިއްޚީ މަރުކަޒަށް ސްޕޮޓް މޮނީޓަރެއް ހަދިޔާ ކޮށްފިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޓީގެ ރައީސާ ހުޒެމާ މުހައްމަދު ވިދާޅުވީ މިފަދަ ހަރަކާތެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ އާއްމު ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

Ad
rt

އެގޮތުން އިއްޔެ ހަވާލުކުރެވުނު ސްޕޮޓް މޮނީޓަރާއިއެކު މަރުކަޒުން ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ޓެސްޓް ހެދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ހުޒޭމާ ވިދާޅުވެފައިވެއެވެ.

އެކޮމިޓީއިން އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކޮމިޓީގެ ފަރާތުން އިތުރު ހަރަކާތްތަކެއް ކުރިއަށް ވެސް ރާވާފައިވާ ކަމަށެވެ. އެގޮތުން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވަނީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކޭކް އެޅުމުގެ ކޯހެކެވެ.

މީގެ އިތުރުން އެކޮމިޓީއިން ވަނީ ކޯވިޑްގެ ހާލަތާއި ގުޅިގެން އެކޮމިޓީއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބައެއް ހަރަކާތްތައް ކުރިއަށް ނުގެންދެވިފައި ވާ ކަމަށް ވެސް ފާހަގަ ކުރައްވާފައެވެ.

މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ތުރާކުނު ކައުންސިލާއި އެކޮމިޓީގެ ހުރިހާ ބައިވެރިންގެ ފަރާތުން ވެދެއްވާ އެހީތެރިކަން އެކޮމެޓީން ވަނީ ފާހަގަ ކުރައްވާފައެވެ.