ކޮމަންޑޫ ދާއިރާގެ ރައްޔިތުން ފުދުންތެރި ދިރިއުޅުމެއް އުޅޭތަން ދުށުމަކީ، އެންމެ ކުޑައިރުއްސުރެ ކުރަމުން އަންނަ އުންމީދެއްކަމަށާއި، އޭނާ ނުކުންނެވީ އެކަން ހާސިލްކޮށްދޭން މަސައްކަތް ކުރަންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ވަނީ ބަހުސެއް ކުރިއަށް ގެންގޮސްފައެވެ. އެ ބަހުސްގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކާގައި ހަންނާނު ވިދާޅުވީ އޭނާ ކޮމަންޑޫ ދާއިރާ ގޮނޑިއަށް ކުރިމަތިލެއްވީ 32 އަހަރު ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހުގައިކަމަށެވެ. އެ މުއްދަތުގައި ސްކޫލްތައް ހިންގުމުގެ ދާއިރާގައި ވަރަށް ގިނަ ޚިދުމަތްތަކެއް ކުރެވިފައިވާނޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަލަށް ސިޔާސީ ދާއިރާ ޚިޔާރުކޮށް، ފަސްބައިގައި އެއްވެސް ކިލަނބުކަމެއްނެތި ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަޤްޞަދުގައި ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަށްވަނީ ކުޑައިރުއްސުރެ ދާއިރާގެ ރައްޔިތުންނާމެދު އޮތް އުންމީދެއް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރެއްވުމަށްކަމަށް ހަންނާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންތިޚާބަށް ކުރިމަތިލެއްވުމަށްފަހު ދާއިރާގެ ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީ ރައްޔިތުންގާތަށް އެކިފަހަރު މަތިން ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންގެ އިހްސާސްތަކާއި، އަޑު އެއްސެވިކަމަށެވެ. އެ މަސައްކަތުގައި ގިރާނުކުރާ އެންމެ އޮޅިއެއް ވެސް އެ ދާއިރާގައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭނާގެ ވައުދުތަކާއި ތަސައްވުރު ބިނާކޮށްފައިވާނީ ރައްޔިތުންގެ އަޑުއެހުމަށްފަހު ރައްޔިތުންގެ މުހުތާދުތައް ފުދޭނެގޮތަށް ވިސްނުން އިސްކޮށްގެން ކަމަށެވެ. އެރައްޔިތުންނަށް މަހްރޫމްވެފައިވާ އަސާސީ ޚިދުމަތްތަކާއި، ލިބިފައި އޮތް ހަނި އާމްދަނީ ހޯދޭނޭ ގޮތްތަކާއި، ކުރިމަތިވެފައިވާ ވަޒީފާގެ ދަތިތަކާއި މިނޫން ވެސް އެތައް ކަމެއްގެ އަޑު އެއްސެވިކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުގެ ތަސައްވަރެއް އެބައޮތް، މިއައީ ރައްޔިތުންގެ ފުދުންތައް އިތުރުކުރަން، ރީތި ފަޅުރަށްތައް އެބަހުރި އެންމެ ކުޑައިރުންސުރެ ކުރީ އުންމީދެއް އެއީ އެތަންތަންތާ ރިސޯޓްތައްހެދި ރައްޔިތުންނަށް ތަނަވަސްކަން ލިބުން، އެހެންކަމުން މިއައީ ތަސައްވުރު ހިފައިގެން އަޅުގަނޑުގެ މަސައްކަތަކަށް އޮންނާނީ އެތަންތަންތާގައި ރިސޯޓްތައް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރު ޖަވާބުދާރީކޮށްގެން ސަރުކާރުގެ ތެރެއިން ކުރުން،" ހަންނާން ވިދާޅުވިއެވެ.
މިގޮތުން ތަރައްގީކުރެވޭ ރިސޯޓްތަކަށް ޓޫރިސްޓުން ގެނައުމަށްޓަކައި އެއާޕޯޓެއް (ކޮމަންޑޫގައި) އެޅުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެއީ އޭނާ ކުރަށްވާނެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަންކަން ފުރިހަމަވުމުން ދާއިރާ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އަސާސީ ޚިދުމަތްތަކަށް ރައްޔިތުން އެދުނުފަދައިން، ދާއިރާގެ މަސްވެރިންގެ ކަންބޮޑުވުންތައް ވެސް އެބަހުރިކަމަށެވެ. މަސްވެރިންނަށް އައިސް ލިބޭނޭ ގޮތެއް ނެތުމާއި، ހަމައަގު ނުލިބޭކަމީ ކަންބޮޑުވުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބުވެއްޖެނަމަ އައިސްޕްލާންޓެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ދަނޑުވެރިންނަށް ދަނޑުވެރިކަންކުރާނެ އާލާތްނެތް މައްސަލައަކީ ވެސް އެހީތެރިކަން ބޭނުންވާ ކަމެއްކަމަށާއި، އެކަމަށް ވެސް މަސައްކަތް ކުރަށްވާނެ ކަމަށް ވިދާޅުވިއެވެ.
ޒުވާނުންނަށް ކުރިމަތިވެފައިވާ ވަޒީފާ ނެތުމުގެ މައްސަލައާއި، ރަށުގައި ތިބެގެން މަތީ ތަޢުލީމް ހާސިލް ކުރެވޭނެގޮތް ނެތް މައްސަލައަކީ ވެސް ދާއިރާއިން ފާހަގަވި މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބުވެއްޖެ ނަމަ ކޮލެޖެއްގެ ކެމްޕަހެއް ދާއިރާގައި ގާއިމުކުރެއްވުމުގެ މަސައްކަތް ކުރަށްވާނެ ކަމަށާއި، އޭރުން ދާއިރާގައި ތިބެގެން ދާއިރާގެ ދަރިންނަށް މަތީ ތައުލީމު އުނގެނެވޭނެކަމަށާއި، ރިސޯޓުތައް ވުޖޫދުކުރެވުމުން ވަޒީފާގެ ދަތިކަން ފިލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަންނާނު ވިދާޅުވީ، ދާއިރާގައި ހުރި ފަޅު ރަށްތަކުގައި ރިސޯޓް ހަދައި، ދާއިރާއަށް ފުދުންތެރިކަން ގެނުވާނެ މީހަކީ އޭނާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!