އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ހދ އަތޮޅަށް އަމާޒުކޮށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އިން ކުރިއަށް ގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގެ ފޮލޯއަޕް މީޓިންއެއް ކުރިއަށް ގެންގޮއްސިއެވެ.

"ތިލަދުން" އަށް މައުލޫމާތު ދެއްވަމުން އެކޮމިޝަންއިން ވިދާޅުވީ ހިއުމަން ރައިޓްސް ޑިފެންޑަރަސް ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ގެ ނަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 8 އިން 12 އަށް ކުރިއަށް ގެންގޮސްފައިވާ ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ރަށްރަށުގެ ބޭފުޅުންނާއި މިދިޔަ ހޯމަދުވަހު އޮންލައިންކޮށް ބައްދަލުކުރައްވާފައިވާ ކަމަށެވެ.

Ad
rt

އެގޮތުން އިންސާނީ ޙައްޤުތަކުގެ ތަޢުލީމު އިތުރަށް ތަރައްޤީކޮށް ފެތުރުމަށް ހދ އަތޮޅުގައި ޒުވާނުން ބިނާކުރުމާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ނެއްލައިދޫ، ކުރިންބި، ނޭކުރަންދޫ، ނައިވައިދޫ، ހަނިމާދޫ، އަދި ކުޅުދުއްފުށީ ސިޓީއިން ބައިވެރިވެފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނަށް ހިއުމަން ރައިޓްސް ޑިފެންޑަރުން އަހުލުވެރިކުރުމަކީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ މަގުސަދެއްގެ ގޮތުގައި އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެކޮމިޝަނުން ވަނީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކައުންސިލްތަކާއި، ދައުލަތުގެ އެހެން އިދާރަތައް އަދި މަދަނީ ޖަމްއިއްޔާތައް ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާޢީ އަދި އިގްތިސާދީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އިންސާނީ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމަޢެއް ބިނާކުރުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އިންޓެގްރޭޓެޑް ހިއުމަން ރައިޓްސް ގެ ނަމުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 އިން 13 އަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެކޮމިޝަނުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާއި ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ޙައްޤުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އަތޮޅުތެރެއަށް ފުޅާކޮށް ދެމެހެއްޓެނިވިގޮތެއްގައި މިމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ސަރުކާރުގެ އިދާރާތަކާއި ޖަމްޢިއްޔާ ޖަމާޢައްތައް ބާރުވެރިކުރުމަކީ އެކޮމިޝަނުގެ އަމާޒެވެ.

މި ބައްދަލުވުމުގައި ރަށްތަކުގައި އިންސާނީ ޙައްޤުތަައް ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާ ކުރުމަށް މަހަކު އެއްފަހަރު އޮންލައިންކޮށް ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމާފައެވެ.